ހަބަރު

އަދާލަތާއި އެމްޑީޕީގެ ގުޅުމުގައި ޖޭޕީގެ ދެ ނައިބުން ފަރުދީ ގޮތުން ބައިވެރިވެއްޖެ

Mar 19, 2015
1

އަނިޔާއާ ދެކޮޅަށް ކަމަށް ބުނެ އަދާލަތުޔ ޕާޓީ އާއި އެމްޑީޕީން އެކުލަވައިލި ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި ޖޭޕީގެ ދެ ނައިބު ލީޑަރުން ކަމަށްވާ އަމީން އިބްރާހިމާއި ޑރ. ހުސައިން ރައީޝީދު ހުސައިން ބައިވެރި ވަޑައިގެން މިރޭ ޖަލްސާއެއް ބާއްވަން އިއުލާންކޮށްފި އެވެ.

ސޯލްޓްގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަމީނާއި ހުސައިން ރަޝީދުގެ އިތުރުން ދެން ބައިވެރިވެ ވަޑައިގެންފައި ވަނީ އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ސަންދާން އަހަންމައިދީ އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އަމީން އިބްރާހީމާއި ހުސައިން ރަޝީދު ވިދާޅުވީ އެ ބޭފުޅުން ބައިވެރި ވަޑައިގެންނެވީ ފަރުދީ ގޮތުން ކަމަށާއި އެ ގުޅުމުގައި ޖޭޕީން ބައިވެރިވުމާމެދު އެ ޕާޓީން ގޮތެއް ނިންމާފައި ނުވި ނަމަވެސް ޖޭޕީގެ ލީޑަރަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ގުޅުމުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މީގެ ކުރިން ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީ އާއި އެމްޑީޕީން އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އިމްރާން ވިދާޅުވީ މި ގުޅުމަށް ރާއްޖޭގެ ހުރިހާ ޕާޓީއަކަށާއި މަދަނީ ޖަމިއްޔާތަކަށައި ފަރުދުންނަށް ވެސް ދައުވަތު ދީފައިވާ ކަމަށައި މިއީ ހުރިހާ އަނިޔާއަކާ ދެކޮޅަށް މަސައްކަތް ކުރާނެ މޫވްމެންޓެއް ކަމަށެވެ. އަދި މިރޭ އެ ގުޅުމުގެ ފަރާތުން ބާއްވާ ބައްދަލުވުމުގައި އަދާލަތުން ބައިވެރިވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ގާނޫނޫ އަސާސީގެ ދިފާއުގަ އާއި އަނިޔާވެރިކަމާ ދެކޮޅަަށް ޕާޓީތަކާއެކު މޫވްމަންޓެއް އުފެއްދުމާމެދު ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އަދާލަތުގެ ތެރޭގައި އެބަހުރި ކަމަށާއި ނަމަވެސް ވަކި ޕާޓީއެއް އުފެއްދުމުގެ ވިސްނުން އެފަދަ ބޭފުޅުންގެ ނެތް ކަމަށެވެ. 

އިމްރާން ވިދާޅުވީ އެމްޑީޕީ އާއި އަދާލަތުން އުފެއްދި ގުޅުމުން ހުރިހާ އެންމެން އަނިޔާއިން ސަލާމަތް ކުރާނެ ކަމަށާއި ސަރުކާރު ހިންގާ ޕާޓީޕީޕީއެމްގެ ފަރާތުން ދާދިފަހުން މަޖިލީހަށް ހުށައެޅި، "ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނަށް އިސްލާހް ހުށައެޅި" ބިލުން އެންމެ ބޮޑު އަނިޔާ އެއް ލިބޭނެ ފަރާތަކީ ކުރީގެ ރައީސް މައުމޫން ކަމަށެވެ. އަދި އަނިޔާ ލިބިވަޑާ ގަންނަވާ ލިސްޓުގައި ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އާންމު ވަރަށް ގިނަ ބަޔަކު ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.