ވިޔަފާރި

ހިޓާޗީގެ ބްރޭންޑް އެމްބެސަޑަރަކަށް އަޝްފާގު ހަމަޖައްސައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ހިޓާޗީ ބްރޭންޑް އެމްބެސަޑަރަކަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން ބުނީ ހިޓާޗީގެ ބްރޭންޑް އެމްބެސަޑަރަކަށް އަޝްފާގު ހަމަޖެއްސީ އަޝްފާގަކީ ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިފީފައިވާ ކުޅުންތެރިއަކަށްވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައިވާ އަދި ގެނެސްދެމުން ދާތީ ކަމަށެވެ. އަދި ހިޓާޗީއަކީ ދިވެހިންނަށް އުފާވެރިކަން ގެނެސްދެމުންދާ އަދި ކުރިއަށް އޮތްތާގައި ގެނެސްދޭނެ ބްރޭންޑްއަކަށް ވާތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަޝްފާގާއެކު ހިޓާޗީ ބްރޭންޑް ޕްރޮމޯޓް ކުރަން އެސްޓީއޯ އިން އެއްބަސްވެފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ މާކެޓް ޝެއާގައި ހިޓާޗީ އޭސީގެ ހިއްސާ 20 ޕަސެންޓަށް ވުރެ މަތި ކަމަށާއި ހިޓާޗީ ރެފްރިޖެރޭޓާގެ މާކެޓް ޝެއާ 60 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށެވެ.

ހިޓާޗީ އަކީ މިވަގުތު ރާއްޖޭގައި އެންމެ ދިގުމުއްދަތެއްގެ ވޮރެންޓީއެއް ދޭ ބްރޭންޑް އެވެ. އޭސީ އަދި ރެފްރިޖެރޭޓާ އަށް 18 މަސްދުވަހުގެ ފުލް ރިޕްލޭސްމަންޓް އަދި ކޮންޕްރެސާރަށް ފަސް އަހަރުދުވަހުގެ ވޮރެންޓީ އެސްޓީއޯ އިން ދެ އެވެ.