ވިޔަފާރި

ޓޫރިޒަމް ޕްރޮމޯޓް ކުރަން އާ ކުންފުންޏެއް ރައީސް އުފައްދަވައިފި

Feb 9, 2017
3

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މުޅިން އާ ކުންފުންޏެއް ރައީސް އަބްދުﷲ ޔާމީން އުފައްދަވައިފި އެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް، އެމްއެމްޕީއާރުސީގެ ނަމުގައި މިހާރު ވެސް ކުންފުންޏެއް އޮވެ އެވެ.

މި މަހުގެ އެއްވަނަ ދުވަހު ރައީސް ސޮއިކުރައްވާ ނެރުއްވި ގަރާރަކުން އުފެއްދެވި އާ ކުންފުންޏަކީ، "މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑް" އެވެ. އެ ކުންފުނި އުފެއްދެވި މަގުސަދުތަކުގެ ތެރޭގައި ގަރާރުގައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމް ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރުމާއި އެ މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ކުރުމުގެ މަސައްކަތެވެ.

އެ ގަރާރު މިހާރު ވަނީ ރައީސް އޮފީހުން ގެޒެޓް ވެސް ކޮށްފަ އެވެ.

މީގެ ކުރިން ރައީސް މައުމޫންގެ ދުވަސްވަރު، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ޓޫރިޒަމް ޕްރޮމޯޝަން ބޯޑްގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ވަކި ސެކްޝަނެއް ވަނީ ހިންގައިފަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެ ބޯޑް އުވާލައި އެކަމަށްޓަކައި އެމްއެމްޕީއާރުސީގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ.

އެހެން ނަމަވެސް ރާއްޖޭގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ހިނގާފައި ވަނީ އެމްއެމްޕީއާރުސީގެ ތެރެއިންނެވެ. އެކަމާ ގުޅިގެން އެ ކުންފުނިން ބޭރު ފަރާތްތަކާ މުއާމަލާތް ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ރައީސް އާ ކުންފުންޏެއް އުފެއްދެވި ނަމަވެސް، އެމްއެމްޕީއާރުސީއަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ، މިއަދު "އަވަސް" އަށް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތެއް އެ ކުންފުންޏަށް ލިބިފައި ނެތް ކަމަށެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި، އެމްއެމްޕީއާރުސީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާނެ އެވެ.