ވިޔަފާރި

ބީއެމްއެލްގެ ކޭޝް އެޖެންޓުންގެ އަދަދު 200 އަށް

Feb 10, 2017

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތްތައް ދިނުމަށް، ހަމަޖައްސާފައި ތިބޭ، ކޭޝްއެޖެންޓުންގެ އަދަދު 200 އަށް އަރައިފި އެވެ. ބީއެމްއެލްގެ 200 ވަނަ ކޭޝް އެޖެންޓް ހަމަޖެއްސީ ކ. ދިއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ފަރާތައް ރަމްޒީ ޓޯކަން އެއްވެސް ވަނީ ހަވާލުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކަމަށެވެ. މި އެޖެންޓުން މެދުވެރިކޮށް ބީއެމްއެލްގެ ކަސްޓަމަރުން ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނެ އެވެ. ބީއެމްއެލުން 2015 އަހަރު ވަނީ ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް ނިންމާލާފަ އެވެ.

ދުއިސައްތަ ވަަނަ ކޭޝް އެޖެންޓް ހަމަޖައްސަން މިއަދު ދިއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނެތި ނުވަތަ ބޭންކުގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް، ފަސޭހަކަމާއެކު ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކުއަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެ މަގުސަދުގައި ބީއެމްއެލް އިން ވަނީ އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް ޝިއާރުގެ ދަށުން ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭންގެ ދަށުން ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ދެ ގުނަ އިތުރުކޮށް ސީއެސްއާރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ.