ވިޔަފާރި

އައިޑޮލްގެ ފޯރި ދިރާގުން ގަދަކޮށްލަނީ: ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު

ކޮންމެ ހުކުރު، އަދި ހޮނިހިރު ދުވަހެއްގެ ރޭ 10:30 ގައި ޓީވީއެމް އިން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޝޯތައް ދައްކަން ފަށާފައިވާ އިރު މިއީ އެތައް ބަޔަކު އިންތިޒާރު ކުރާ ވަގުތެކެވެ. މި ޝޯގެ ފޯރި ގޭގެ ސިޓިން ރޫމްތަކުގައި މި ދުވަސްވަރު ވަރަށް ވެސް ގަދަ އެވެ. ސިޓިން ރޫމްތަކުން ފެށޭ މޯލްޑިވިއަން އައިޑޮލްގެ ފޯރި، ސޯޝަލް މީޑިއާޔާ ހަމަޔަށް ބަންޑުންކޮށްލަ އެވެ. ހާއްސަކޮށް އައިޑޮލްގެ ފޯރި އެންމެ ގަދައީ، ޓްވިޓާގަ އެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސަޕޯޓަރުންނަށް ތައުރީފުކޮށް ފާޑުކިޔާ، ޖަޖުންނަށް އެއްޗހިކިޔަނީ ވެސް ޓުވިޓާގެ ތެރޭގަ އެވެ. މޯލްޑިވިއަން އައިޑޮލް އާ ބެހޭގޮތުން އެންމެ ފޯރިގަދަ ބަހުސްތައް ކުރިފަޅައިގެން އަންނަނީ ވެސް ޓުވިޓާގެ ތެރެއިންނެވެ.

ޓުވިޓާގެ ތެރޭގައި އެންމެ ފޯރިގަދަ އެއްކުޅިވަރަކީ، ބައިވެރިންގެ ލަވަތަކަށް ފާޑުކިޔުމެވެ. ޖަޖުންގެ ކޮމެންޓުތަކަށް ދޫނުކުރާ ފެންވަރުގެ ކޮމެންޓުތައްވެސް ބައެއް ފަރާތްތަކުން ކުރެ އެވެ. އަދި އެހެން މީހުން ހީހީ ހަލާކުވާ ކަހަލަ ކޮމެންޓުތައްވެސް ފެނެ އެވެ. މި ފޯރިގަނޑު އިތުރަށް ގަދަކޮށްލަން މޯލްޑިވިއަން އައިޑޮލްގެ ޓައިޓުލް ސްޕޮންސާ ދިރާގުން މިއޮތީ ތައްޔާރުވެފަ އެވެ.

ދިރާގުން މިރޭ ވަނީ #ޖަޖްއެންޑްވިން ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ސީޒަން ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މޯލްޑިވިއަން އައިޑޮލް ދައްކަން ފެށުމާއެކު #ޖަޖްއެންޑްވިން ހޭޝް ޓެގާ އެކު ދިރާގު ޓެގުކޮށްފައި ޝޯއާ ގުޅޭ ގޮތުން އެމީހެއްގެ ހިޔާލުތައް ބަންޑުން ކުރަންވީ އެވެ. މޯލްޑިވިއަން އައިޑޮލް ދައްކާ ވަގުތު، ފޯރީގައި ޓްވީޓް ކުރަންވީ އެވެ. އެގޮތުން ގުރުއަތުން ހޮވާލާ ޓްވީޓުތަކުން ހޮވޭ ފަސް ފަރާތަަކަށް ދިރާގުން އެއް ޖީބީ ހިލޭ ޑޭޓާ ދޭނެ އެވެ. އެ ފަރާތަކީ އުރީދޫ ކަސްޓަމަރެއް ނަމަ އެހެން މީހަކަށް ހަދިޔާވެސް ކުރެވިދާނެ އެވެ. ނޫނީ ދިރާގު ކަސްޓަމަރަކަށް ބަދަލުވެ ދެ ޖީބީ ޑޭޓާ ހިލޭ ހޯދަން ވީ އެވެ.

އެހެން އިނާމެއްވެސް އެބައޮތެވެ. ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހުގެ ރޭ ކުރާ ޓުވީޓުތައް އެއްކޮށް ގުރުއަތުލައިގެން ހޮވޭ އެއް ފަރާތަކަށް ސެމްސަންގު ވީއާރު ސެޓެއް، ދިރާގުން ވަނީ ދޭން ނިންމާފަ އެވެ. ޓުވީޓު ކުުރުމުގެ މުއްދަތަކީ ހުކުރު ދުވަހުގެ ރޭ 10:30 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އަށެވެ. އަދި ހޮނިހިރު ދުވަހު ދޭ ޑޭޓާ ޕެކޭޖު ހޯދަން ޓުވީޓު ކުރަންވީ އެރޭ 10:30 އިން އާދިއްތަ ދުވަހު ހެނދުނު 10:30 އަށެވެ. އިނާމްތައް ލިބޭ ފަރާތް އިއުލާނުކުރުންވެސް އޮތީ ޓުވިޓާގަ އެވެ. އެކަމަށް ހާއްސަ ނޮޓިފިކޭޝަނެއްވެސް ދިރާގުން ފޮނުވާނެ އެވެ. އެކަމަކު އެކައުންޓު ވެރިފައި ނުކޮށެއް އިނާމެއް ނުލިބޭނެ އެވެ.

ކޮންމެއަކަސް ދިރާގުގެ މި ޕްރޮމޯޝަނާއެކު ޓުވިޓާގެ ފޯރިގަނޑު އިތުރަށް ގަދަވާނެ ކަމަށް ބެލެވެ އެވެ. މިރޭ ދައްކަން ހަމަޖެހިފައި އޮތީ މޯލްޑިވިއަން އައިޑޮލް ތިއޭޓާ ރައުންޑްގެ ފުރަތަމަ ބަޔެވެ. މި ރައުންޑުގެ ފުރަތަމަ ބައިގައި ބައިވެރިން ލަވަ ކިޔާނީ ގްރޫޕް ކޮންނެވެ. މި ރައުންޑުގައި އޮޑިޝަންތަކުން ގޯލްޑެން ޓިކެޓް ލިބުނު 43 ބައިވެރިން ލަވަ ކިޔާނެ އެވެ. އަދި 19 ބައިވެރިން މުބާރާތާއި ވަކިވާނެ އެވެ. މި ބުުރުގައި ބައިވެރިން ލަވަ ކިޔާނީ އއ. މަތިވެރިފަޅު ތެރޭގައި އޮންނަ ހިތްގައިމު ފިނޮޅުގަ އެވެ.