overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ނަޝީދުގެ އަމިއްލަ އެދުމަށް އެމްޑީޕީ ވެސް ގުރުބާން ކޮށްލަނީތަ؟

  • ނަޝީދުގެ އަތްދަށުން އެމްޑީޕީ ބީވެ ދާނެތީ ބިރުގަނޭ
  • ނަޝީދު ހޯއްދަވަނީ ވެރިކަމަށް ވަޑައިގަނެވޭނެ ކުރުމަގެއް
  • އިއްތިހާދުގެ ވެރިކަމަކުންވެސް ހަމަޖެހުމެއް ނެތް

ބުރާސްފަތި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މުޅި ދުނިޔެއަށް އިއުލާނު ކުރެއްވި އެވެ. އެމްޑީޕީ ގެ ޕްރައިމަރީއެއް ބާއްވާ، ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ފަނޑިޔާރެއް ރަހީނު ކުރިކަމުގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމަކުން ފިއްލަވައިގެން ހުންނެވި ނަޝީދުގެ މި ނިންމެވުމަކީ ސިޔާސީ މައިދާނަށް ލޮޅުމާއި ސިހުން ގެނުވި ކަމެއް ނޫނެވެ. މިއީ ގިނަ މީހުން މާ ކުރިން ވެސް ހީކޮށްގެން ތިބި ގޮތެވެ.

ނަމަވެސް، ނަޝީދުގެ މި އަމިއްލަ އެދުމުން ފުރިގެންވާ ނިންމެވުމުގެ ސަބަބުން 2018 ގެ ފަހުން ވެސް ރާއްޖޭގައި ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ ކަމުގެ ކުލަވަރު ދަނީ ސިފަވަމުންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ނަޝީދުގެ ދިގު ޖަލު ހުކުމުގެ ސަބަބުން، ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ. މިކަން ހުދު ނަޝީދަށް ވެސް ވަރަށް ރަނގަޅަށް އެނގި، ސާފުވާނެ އެވެ. ކަން މިހެން އޮތް އިރު، ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް އޮންނާނެ އެންމެ ބޮޑު ހުރަހަކަށް ވާނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެކެވެ. އެހެން ނަމަވެސް، ނަޝީދު އިހުތިޔާރު ކުރައްވަނީ އެ ފުރުސަތު އެމްޑީޕީގެ ކިބަިއން ނިގުޅައިގަތުމަށެވެ. "ގައުމުގެ ހައްގުގައި" ރައީސް ޔާމީން ވެރިކަމުން ދުރުކުރަންޖެހޭ ކަމަށް ކެނޑެނޭޅި ވިދާޅުވަމުން ގެންދަވާ ނަޝީދު، އެކަމަށް އޮތް އެންމެ ބޮޑު ފުރުސަތަށް އަމިއްލަފުޅަށް ހުރަސް އަޅުއްވަން އުޅުއްވަނީ ކީއްވެ ބާ އެވެ؟

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމަށް، ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންފުޅުވާނެ ކަމަށް ނަޝީދު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. އެ ވިދާޅުވާ ވާހަކަފުޅު އެހެން ގޮތަކަށް މާނަ ކުރަނީނަމަ، ބޭރުގެ ނުފޫޒާއި ޕްރެޝަރުން، ނަޝީދު ރިޔާސީ ރޭހުގައި ބައިވެރިކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުވުމެވެ. އެކަމަކު އެކަން ރާއްޖޭގެ ގާނޫނުތައް މި ވަގުތު ހުރި ގޮތުން ވާކަށް ނެތެވެ. ބޭރުން މިހާރު ވެސް "އަޅާނުލައިގެން" ޝަކުވާ ކުރައްވާ ނަޝީދަށް މިކަން ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ދެން އޮތީ ނަޝީދު ވިދާޅުވި އަނެއް ވާހަކަ އެވެ. "އަޅުގަނޑަށް ވާދަނުކުރެވޭނަމަ އެމްޑީޕީ އިން ކެނޑިޑޭޓެއް ނުނެރޭނެ" ކަމަށް، ނަޝީދު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ. އޭގެ މާނައަކީ، އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓެއް ނޫން ނުވަތަ ނަޝީދު ނޫން ކޮންމެ މީހެކެވެ. އަނެއްކާވެސް އެހެން ގޮތަކަށް ބުނަނީނަމަ، އެމްޑީޕީ ސަޕޯޓަރުންގެ ހަގީގީ ތާއީދު ނެތް ބޭފުޅަކަށް، ހަމައެކަނި ނަޝީދު ވިދާޅުވީތީ ވޯޓު ދިނުމެވެ. މިކަމުގައި ދެކޮޅު ޖެހޭ އެއްވެސް ސަބަބެއް ނުފެނެ އެވެ. އިންތިހާބު ބޯއިކޮޓް ނުކުރާނެކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެމްޑީޕީގެ ކެންޑިޑޭޓެއް އިންތިހާބުގެ ފުރުތަމަ ބުރުގައި ނެތުމަކީ، ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އިން އިންތިހާބުގައި ހަމަ ބައިވެރިނުވުމެވެ.

ޖަމީލް ނޫނީ އުމަރު؟

އެކަމަކު މިހުރިހާ ކަމަކަށް ވުރެ މާ ސީރިއަސް މައްސަލައެއް އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ މީހުންނަށާއި މުޅި ގައުމަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑެެވެ.

އެމްޑީޕީގެ އިސް ސަފުގާ ތިއްބެވި "ފުއްނާބު އުސް" ސިޔާސީ ބޭފުޅުން ރައީސް ކަމަށް "ކުފޫ" ހަމަނުވާ ކަމަށް ނަޝީދު އެ ނިންމެވީ އެވެ. އެހެން ކަމުން، އިންތިހާބުގައި ނަޝީދަށް ވާދަނުކުރެއްވޭނަމަ، އެމަނިކުފާނު އެވިދާޅުވާ "އެއް ކެންޑިޓަކީ" ކޮން ބޭފުޅެއް ހެއްޔެވެ؟ މިހާރު ސިޔާސީ މައިދާނަށް ތިލަ ނަޒަރެއް ހިންގާލުމުން، ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން "އުމުރު" ގެ ޝަރުތާއި، މި ވަގުތަށް ނަމަވެސް "ގާނޫނީ" ޝަރުތު ހަމާވާކަމަށް ފެންނަނީ ދެ ބޭފުޅެކެވެ.

ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މިދެ ބޭފުޅުންނަށް އެމްޑީޕީގެ ހަގީގީ ތާއީދު ނުލިބޭނެކަމީ ދެބަސް ނުވެވޭނެ ކަމެކެވެ. ނަމަވެސް ސިޔާސީ އެކި ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ނަޝީދާއި އެމްޑީޕީ "ކަތިއްލަވާފައިވާ" މި ދެބުފުޅުންނަށް ނަޝީދު ވިދާޅުވެއްޖެނަމަ އެމްޑީޕީ ސަޕޯޓަރުން ފަހަރުގައި ހިތާ ދެކޮޅަށް ވިޔަސް ވޯޓު ދީފާނެ އެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ބަދަލުކުރުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އެދެ "ހަތުރުންގެ" ނަމުގެ ކައިރީގައި ރަނގަޅު ފާހަގަ ޖަހާފާނެ އެވެ. އެކަމަކު ސުވާލަކީ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

އެމްޑީޕީ އަށް އަނެއްކާވެސް 2012 ގެ ހިތި ތަޖުރިބާ؟

ރާއްޖޭގައި އެއް ޕާޓީއަކަށް ތާއީދު ނުކުރާކަމީ އެންމެނަށް ވެސް ފެންނަން އޮތް ހަގީގަތެކެވެ. ހުދު ނަޝީދު ވެސް މިކަން ބުރާސްފަތި ދުވަހު ފާހަގަ ކުރެއްވި އެވެ. އިއްތިހާދު ސަރުކާރަކަށް ރާއްޖޭގެ ނިޒާމް ތަންނުދޭ ކަމަށާއި، އެކަމަށް މަގުފަހިކުރުމަށް ގާނޫނު އަސާސީ ވެސް ބަދަލުކުރަންޖެހޭ ކަން ނަޝީދު އެދުވަހު ފާހަގަ ކުރެއްވި އެވެ. ދެން އެންމެން އެއްގަލަކަށް އަރައިގެން، އިދިކޮޅު އެއް ކެންޑިޑޭޓް ވެރިކަމަށް ގެންނަން ނަޝީދު މަސައްކަތް ކުރައްވާތީ، ވިދާޅުވާން އުޅުއްވާ އެއްޗެއް ދެކޮޅެއް ނުޖެހެ އެވެ.

ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ "ޑިމޮކްރަސީ" އާއި "ހެޔޮ ވެރިކަމަކީ" އެމްޑީޕީގެ ދެވަނަ ނަމުގެ ގޮތުގައި އެޕާޓީން އަބަދު ދައުވާކުރެ އެވެ. އެހެންވީއިރު، "އެމްޑީޕީ ފިކުރަށް" ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅަކަށް ތާއީދުކުރަން ތައްޔާރުވާއިރު، ރާއްޖޭގެ "ހާލަތު" ބަދަލު ކުރެވޭނެ، ނުވަތަ ބަދަލު ކުރާނެ ކަމުގެ އެއްވެސް އުއްމީދެއް އެމްޑީޕީ ސަޕޯޓަރުންނަށް އޮންނަނީ ކިހާ މިންވަރަކަށް ބާވަ އެވެ؟ ނޫނީ އަނެއްކާވެސް އެމްޑީޕީ ނޫން ފިކުރެއްގެ ބޭފުޅަކު އިސް ސަފަށް ނެރެގެން 2012 ވަނަ އަހަރު ތަހައްމަލު ކުރަންޖެހުނު ހިތްދަތިކަން ތަކުރާރު ވާން ދޫކޮށްލައްވީ ހެއްޔެވެ؟

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ކުރު މަގު؟

އެމްޑީޕީ ނޫން ބޭފުޅަކު ވެރިކަމަށް ގެންނަން ނަޝީދު މިހާ ބޮޑަށް ފޫގަޅައިގެން ހުންނެވުމުގެ ފަހަތުގައި އެހެން ސަބަބެއްގެ ކޮޅުމަތި އެބަފެނެ އެވެ. ނަޝީދު ނޫން އެހެން ބޭފުޅަކު އެމްޑީޕީ ތެރެއިން ނުކުމެ އިންތިހާބު ކާމިޔާބުކޮށްފިނަމަ، ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންނެވުމުގެ އުއްމީދުގެ ހުޅުކޮޅު މުޅިންހެން ނިވުމުގެ ބިރު އެމަނިކުފާނަށް އެބައޮތެވެ. ވެރިކަމަށް ކުރިމަތިލާނީ، ނުވަތަ ގައުމެއްގެ އެންމެ ބޮޑު އިންތިހާބު ކާމިޔާބު ކުރެވޭނީ، ވަރުގަދަ ސިޔާސީ އަޒުމެއް ހުރި ބޭފުޅެއްކަން ޔަގީނެވެ. އެފަދަ ބޭފުޅަކަށް ވެރިކަން ލިބިއްޖެނަމަ، އެންމެ ދައުރަކަށްފަހު ނަޝީދަށް އަނބުރާ ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު ދެއްވާނެ ހެއްޔެވެ؟ ނޫނީ އެ ބޭފުޅަކު ބައްލަވާނީ، އެމްޑީޕީގެ ތެރޭގައި ނަޝީދަށް ވުރެ ސަޕޯޓް ވަރުގަދަ ކުރައްވައި، ދެވަނަ ދައުރަކަށް ހޮވޭނެ މަގު ކޮށާލަން ނޫންބާވަ އެވެ؟

ޕީޕީއެމް އެތެރޭގަ ކޯޅުންގަނޑަށް ފީނާލައިފިނަމަ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ މިހާރުގެ ހާލަތުން، ނަޝީދުގެ މުސްތަގުބަލު ސިފަވާނެ އެވެ.

އެހެން ކަމުން، އެމްޑީޕީގެ ކެންޑިޑޭޓަކަށް ހުރަސްއަޅުއްވައިގެން، ނަޝީދު އެ ބައްލަވަނީ 2018 ގައި "އިންތިގާލީ" ބޭފުޅަކު ވެރިކަމަށް ގެންނަވާށޭ ބުނުމުގެ ޖާގަ އެބަ އޮތެވެ. އެއީ "ހަތުރެއް" ވިޔަސް މައްސަލަ އެއް ނެތް ގޮތަށެެވެ. ސިޔާސީ ގޮތުން އަމިއްލަ މާ ބޮޑު ބުރަދަނެއް ނެތް ބޭފުޅަކު ވެރިކަމަށް ގެނެސް، އެ ބޭފުޅަކު ކޮޅުކެހި ދެއްވިޔަސް، 2023 ގައި ނުވަތަ އެއްވުރެ ކުރިން ވިޔަސް ވެރިކަން ހޯދުމަށް ނަޝީދަށް އެންމެ ފަސޭހަ ގޮތެވެ.

މިހުރިހާ ރޭވުމެއްގެ ތެރެއިން ނަޝީދު މި ކޮށްޓަވަނީ، އެނބުރި ވެރިކަމަށް ވަޑައިގެންނެވޭނެ އެންމެ ކުރު މަގެވެ. އެ މަގުން މިސްރާބު ޖައްސަވާއިރު އެމަނިކުފާނުގެ ލޯބިވާ ޕާޓީ އާއި ގައުމުގެ މުސްތަގުބަލު "ގުރުބާން ކަންބަޅި" އަކަށް ވިޔަސް ވަރިހަމަ އެވެ.