ހަބަރު

މުޒާހަރާ ތެރެއަށް ވަދެ ހަމަލަދެނީ ސަރުކާރުން ރާވައިގެންކަމުގެ ހެއްކެއް ނެތް: ފުލުހުން

އެމްޑީޕީ އިން މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަށް ބަޔަކު ކަޅުތެޔޮ ޖަހައި ހަމަލާ ދިނުމާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށާއި އެކަން ކުރުވަނީ ސަރުކާރުން ކަމަށް ތުހުމަތު ކުރި ނަމަވެސް އަދި އެކަމަށް ހެއްކެއް ލިބެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެކަމާ ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންވެސްޓިގޭޝަން ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ސުލްހަވެރި އެއްވުންތަކަށް ހަމަލާދިނުމުގެ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ނުބަލައި ކަމަށް ދެކެވެނީ ދޮގެއް ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދެ އެއްވުމަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށް އެ މީހުން މުއްދަތު ވެސް ކޯޓުން ވަނީ ޖަހައިފަ އެވެ.

"ތަހުގީގަށް އަދި މިހާތަނަށް އެނގިފައެއް ނުވޭ އެއީ ކިހިނެތް ރޭވިގެން ކުރާ ކަމެއް ކަމެއް. އަދި އެކަން ކުރަނީ ސަރުކާރުން ކަމަށް ތުހުމަތު ކުރިއަށް އެކަމަށް ވެސް ހެއްކެއް ނެތް،" ހަމްދޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުލްހަވެރި އެއްވުންތަކަށް ހަމަލާދީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކަންކަމަކީ ފުލުހުން އަޅައި ނުލައި ދޫނުކުރާނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަންކަން ފުލުހުން މި އަންނަނީ ބަލަމުން. އެއީ ނުބަލައި ކަންކަމެއް ނޫން،" ހަމްދޫން ވިދާޅުވި އެވެ.