ހަބަރު

ސައޫދީގެ ދަތުރުފުޅާއެކު ފަސްޓް ލޭޑީގެ "ސްޓައިލް" އަށް ބަދަލެއް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް (މެޑަމް ފާތުން) އަކީ ދިވެހިން ދުށް "ފަސްޓްލޭޑީން" ގެ ތެރެއިން ހެދުން ތުރުކުރެއްވުމުގައި، ކުރީގެ އެހެން ފަސްޓްލޭޑީންނާ ތަފާތުކަމަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެކަމަނާ ބުރުގާ ތުރުކުރައްވާ ކަމެވެ. ކުރީގެ ފަސްޓް ލޭޑީންނާ ހިލާފަށް ބުރުގާ ތުރުކުރައްވާތީ އެކަމަނާއަށް ވަކި ހާއްސަ ސަމާލުކަމެއް ލިބިވަޑައިގަންނަވަނީކީއެއް ނޫނެވެ.

ނަމަވެސް ރައީސްގެ އަރިހުގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންނެވިއިރު މެޑަމް ފާތުން ތުރުކުރައްވައިގެން ހުންނެވި ހެދުމަށް އަދި އޭގެ ސްޓައިލަށް ވަނީ ކުރިން ލިބިވަޑައިނުގަންނަވާ ކަހަލަ ސަމާލުކަމެއް ލިބިފަ އެވެ.

ސަބަބަކީ އާންމުކޮށް އެކަމަނާގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ "ހެދުން ތުރުކުރެއްވުމުގެ ސްޓައިލާ" ތަފާތު ސިފައަކާއި ކުލައެއް މިފަހަރުގެ ހެދުންކޮޅުން ފާހަގަކުރެވުނީމަ އެވެ.

ސައޫދީ ދަތުރުފުޅާ ދިމާކޮށް އެކަމަނާ ހުންނެވީ އެއްކޮށް ކަޅުކުލައިން ހެދުން ތުރުކުރައްވައިގެންނެވެ. އަދި އާންމުކޮށް ބުރުގާ އަޅުއްވާ ސްޓައިލް ވެސް ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ.

ބެލެވޭ ގޮތުގައީ މިއީ ސައޫދީ އަށް ވަޑައިގަންނަވާތީ ސީދާ އެކަމަށް ހާއްސަކޮށްގެން "ސްޓައިލަށް" ގެންނަވާފައިވާ ބަދަލެކެވެ. އެންމެން ވެސް ބުނަނީ ސައޫދީ އަށް ކުރައްވާ ދަތުރުފުޅަކަށްވީތީ ވީހާ ވެސް ބޮޑަކަށް "އިސްލާމީ މުޖުތަމައާ ގުޅޭ" ގޮތަކަށް ހެދުން ތުރުކުރެއްވުމަށް އެކަމަނާ ކަޅުކުލައިގެ ދިގު ހެދުމެއް ތުރުކުރައްވައިގެން ވަޑައިގެންނެވީ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ "ކަޅު ކުލަ އިހްތިޔާރުކުރެއްވުމަކީ" ސައޫދީ ފަދަ ގައުމަކަށް ވަޑައިގެންނެވިއިރު މެޑަމް ފާތުން އިހްތިޔާރުކުރެއްވި "ޑިޕްލޮމެޓިކް ހެޔޮ ވިސްނެވުމެއް" ކަމަށެވެ.

މިފަދަ ރަސްމީ ދަތުރުފުޅުތަކާއި މުނާސަބަތުތަކަށް ހާއްސަކޮށްގެން ދިގުހެދުން ތުރުކުރައްވައިގެން އެކަމަނާ ނުކުމެ ވަޑައިގެންނެވި ނަމަވެސް "އެއްކޮށް ކަޅު ހެދުމުގައި" ފެނިވަޑައިނުގަންނަވަ އެވެ.

ރަސްމީ ނޫން މުނާސަބަތުތަކާ ދިމާކޮށް އެކަމަނާ އަބަދުވެސް ފެނިވަޑައިގަންނަވަނީ ކުރުތާއޭ ދިވެހިން ކިޔާ ވައްތަރުގެ ހެދުންކޮޅެއްގަ އެވެ.

ކޮންމެއަކަސް އެންމެން ވެސް ބުނަމުން ދަނީ ސައޫދީގެ ދަތުރުފުޅާ ދިމާކޮށް އެކަމަނާ ސްޓައިލަށް ގެންނެވި ބަދަލު ރީތި ކަމަށާއި އެންމެ ރީތިކޮށް ހެދުން ތުރުކުރައްވާ ފަސްޓް ލޭޑީ އަކީ ވެސް އެކަމަނާ ކަމަށެވެ.