ބޮލީވުޑް

"ޕަދްމާވަތީ" ގައި ރަންވީރާއި ދިޕިކާޔާ އެކުގައި ނުފެންނާނެ

Feb 12, 2017

ތާޜީހީ ފިލްމުތައް އުފައްދަން ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު އުފައްދަން ފަށާފައިވާ ފިލްމު "ޕަދްމާވަތީ" އަކީ ވެސް ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މިިދިޔަ ޑިސެމްބަރު މަހު ޝޫޓިން ފެށި "ޕަދްމާވަތީ" ގެ އެންމެ މުހިންމު މަންޒަރުތައް ނެގުމަށް ފިލްމުގެ ޓީމާއި ކްރޫ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ޖެއިޕޫރަށް ގޮސްފަ އެވެ.

ނަމަވެސް އިއްޔެ މި ފިލްމުގެ ޝޫޓިންގައި ފިލްމުގެ ކްރޫއާއެކު ޑައިރެކްޓަރު ބަންސާލީ ހަރަކާތްތެރިވަމުން އަންނަނިކޮށް، ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ، ކާނި ސެނާގެ ބައެއް ސަޕޯޓަރުންނާއި މެމްބަރުން ވަނީ ފިލްމުގެ ސެޓު ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފިލްމުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ފިލްމުގެ ޝޫޓިންގައި ގެންގުޅުނު އަގުބޮޑެތި ކެމެރާތަކާއި އެހެނިހެން ވެސް ސާމާނަށް ގެއްލުންދިނުމުގެ އިތުރުން ވަނީ ޑައިރެކްޓަރު ބަންސާލީގެ ގައިގައި ތަޅައި ވެސް ގެންފަ އެވެ.

ކާނި ސެނާ ޕާޓީިން މިފިލްމާ ދެކޮޅަށް މުޒާހަރާ ކޮށްފައިވަނީ ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭގޮތުން ގެނެސްދޭނީ ދޮގު މަައުލޫމާތުތަކެއް ކަމަށާއި އަދި އެ ޕާޓީން މުޒާހަރާ ކުރަމުންދަނީ ތާރީހީ ގޮތުން ދޮގު މައުލޫމާތުތައް ފިލްމުގައި ގެނެސްދޭތީ ކަމަށް ބުނެފަ އެވެ.

"ޕަދްމާވަތީ" ގެ ސެޓަށް ވަދެ ގެއްލުންދީ ފިލްމުގެ ޑައިރެކްޓަރު ބަންސާލީ ގައިގައި ތަޅައިގެންފައިވާތީ ވަނީ ފިލްމުގެ ޝޫޓިން ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.

ފިލްމުގެ ޝޫޓިން މަޑުޖައްސާލިފަހުން ފިލްމު އުފައްދާ ފަރާތުން އަންނަނީ ކާނި ސެނާ ޕާޓީ އަށް ފިލްމުގައި ރާނީ ޕަދްމިނީގެ ރޯލުން ފެނިގެންދާ ދިޕިކާ ޕަދުކޯން އާއި އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދާ ރަންވީރު ސިންގްއާ އެކުގައި އެއްވެސް މަންޒަރަކުން ފެނިގެންނުދާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން މިފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވެސް ވަނީ ދިޕިކާ އާއި ރަންވީރު އެކުގައި އެއްވެސް މަންޒަރަކުން ފެނިގެން ނުދާނެ ކަމަށް ބުނެފަ އެވެ. މީގެއިތުރުން ވެސް ކުރި ޓްވީޓްތަކެއް ވަނީ ބަންސާލީ ރާނީ ޕަދްމިނީގެ ގަދަރު ގެއްލޭނެ ފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުދައްކާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް ބުނެފަ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ރަންވީރާއި ދިޕިކާ އެންމެފަހުން އެކުގައި ފެނިގެންދިޔަ ބަންސާލީގެ ފިލްމު، "ބާޖީރާއޯ މަސްތާނީ" އާ ގުޅިގެން ވެސް ވަނީ މައްސަލަތަކެއް އުފެދިފަ އެވެ.

ރަންވީރާއި ދިޕިކާގެ އިތުރުން ފިލްމުގެ މުހިންމު ރޯލަކުން ޝާހިދު ކަޕޫރު ވެސް ފެނިގެންދާނެ އެވެ.