ވިޔަފާރި

ބީއެމްއެލްގެ ގިފްޓް ކާޑު މާލޭގެ ފިހާރަތަކާއި ރެސްޓޯރަންޓް ތަކަށް

Feb 12, 2017

ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ގިފްޓް ކާޑު މާލޭގެ ވިޔަފާރިކުރާ ގިނަ ތަންތަނުން ގަންނަން ލިބޭނެ ގޮތް ބީއެމްއެލް އިން ހަދައިފި އެވެ.

ބީއެމްއެލް އިން މިއަދު ވަނީ ސިވިލް ސޮސައިޓީ ކެފޭގައި ބޭއްވި ހަފްލާއެއްގައި، އެ ބޭންކުގެ ގިފްޓް ކާޑުތައް ދައްކާލާފަ އެވެ. އަދި ހަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް "އަހަރެންގެ ބޭންކް" ހާއްސަ ގިފްޓްކާޑު ވެސް މިއަދު ވަނީ ހަދިޔާކޮށްފަ އެވެ.

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. މާސްޓާ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތައާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.

މިއަދުގެ ހަފްލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ ކަމަށެވެ. ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ އެ ކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބީއެމްއެލް އިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދިފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގާއިމްކޮށްފަ އެވެ.