ހަބަރު

މެގަ ޕޯޓަކާއި ފްރީ ޑްރޭޑް ޒޯން ތަރައްގީ ކުރަން ޑީޕީ ވޯލްޑާ އެކު ސޮއިކޮށްފި

ތިލަފުށީގައި ވިޔަފާރި ބަނދަރަކާ އެކު ފްރީޓްރޭޑް ޒޯނެއް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް، ހިންގުމަށް ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑާ) އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދުބާއީގެ ބޮޑެތި ޕޯޓްތައް ތަރައްގީ ކުރާ، ޑީޕީ ވޯލްޑްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ ފަރާތުން ޗެއާމަން ސުލްތޯން އަހުމަދު ބިން ސުލޭޔަމް އެވެ. މާލޭ ވިޔަފާޜި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މިހާރު އޮތް ބަނދަރަށް ވުރެ ދެ ގުނަ ބޮޑު ބަނދަރެއް ހެދުމުގެ އެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތިލަފުށީގައި ހަދާ ފްރީޑްރޭޑް ޒޯންގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެސްއީޒެޑް ބޯޑްގެ ޗެއާމަން ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

އަދީބު މިރޭ "އަވަސް" އަށް ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ އެގްރިމަންޓެއް އެކުލަވާލާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ފަށައިގަންނާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އެގްރިމަންޓްގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ އަގު 300 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓާ އެކު މާލެ ސަރަހައްދަށް ބޮޑު ތަރައްގީއެއް އައިސް އެތައް ހާއްސަ އާ ވަޒީފާއެއް އުފެދޭނެ އެވެ.

"މިއީ މި ސަރަހައްދުގައި ހިންގޭނެ އެންމެ މެގަ އެއް ޕްރޮޖެކްޓަށް ވެގެން ދާނެ. މިކަމުން ދައްކައިދެނީ އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު،" އަދީބު ވިދާޅުވި އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ޑީޕީވޯލްޑާ ގުޅިގެން ހިންގާ މަޝްރޫއުގައި އެމްޕީއެލްގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރާނެ އެވެ. އަދި އިތުރު ދިވެހި މުވައްޒަފުން ވަޒީފާތަކަށް ނެގުމާއި އެ މަޝްރޫއަކީ އެމްޕީއެލްއާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގާ މަޝްރޫއަކަށް ހެދުމަށް ވަނީ ނިންމައިފަ އެވެ.

ދުބާއީ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި، ދުބާއީ ވޯލްޑްގެ ކުންފުންޏެއްގެ ގޮތުގައި ހިންގާ ޑީޕީ ވޯލްޑުން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުގައި 60 ބަނދަރެއް ހަދައި ހިންގަމުންނެވެ. އިންޑިއާގައި ވެސް އެ ކުންފުނިން ބަނދަރެއް ހިންގަ އެވެ. ތިލަފުށީ ޕޯޓް ޕްރޮޖެކްޓަކީ މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓްކެވެ.