ފްރާންސްގެ ޕީއެސްޖީގެ ކޯޗް އުނާއި އެމެރީ އާ އެއްވަރަށް ބާސެލޯނާ އެނގޭ އެހެން ކޯޗެއް ނެތް ކަމަށް، ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނެފި އެވެ.
ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، މިރޭ ޕީއެސްޖީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން، މީޑީއާގައި ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ކޯޗެއްގެ ގޮތުގައި ބާސެލޯނާ އާ ދެކޮޅަށް އެހާ ގިނައިން ނިކުތް އެހެން ކޯޗެއް ނޫޅޭނެ ކަމަށެވެ.
އެމެރީ ވަނީ، ކުރިން ސްޕެއިންގެ އަލްމީރިއާ އަދި ވެލެންސިއާ އަދި ރަޝިޔާގެ ސްޕާޓެކް މޮސްކޯގެ އިތުރުން ސެވިއްޔާ އަށް ކޯޗް ކޮށް ދިން އިރު، ބާސެލޯނާ އާ ދެކޮޅަށް ކުޅުވާފަ އެވެ. އެގޮތުން ޖުމުލަ 23 ފަހަރު، އެމެރީ ވަނީ ބާސާ އާ ދެކޮޅަށް ނިކުމެފަ އެވެ. ނަމަވެސް އޭގެ ތެރެއިން އޭނާ އަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އެއީ 2015 ވަނަ އަހަރު 2-1 މޮޅުވި މެޗު އެކަންޏެވެ.
އެންރީކޭ ބުނީ، ބާސާ އާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނިކުތުމުގެ ތަޖުރިބާ ބޮޑުވުމުން، ބާސާ އަށް ނުރައްކާ ވާނެ ގޮތަށް މެޗު ރާވަން އެމެރީ އަށް އެނގޭނެ ކަމަށެވެ.
"އުނައި [އެމެރީ] އެނގޭތީ މި ބުނަނީ، އެ ޓީމު އަންނާނީ ހަމަ ސީދާ އަހަރެމެންނަށް ޕްރެޝާ ކުރިމަތި ވާނެ ގޮތަށް ރާވައިގެން، މިރޭގެ މެޗަކީ ރީތި މެޗަކަށް ވެގެންދާނެ، އަހަރެމެންގެ އަބަދުވެސް އޮތީ އެއް ޓާގެޓެއް، އެ ޓީމަށް ބޯޅަ ނުދީ ވީހާވެސް ގިނަ ފުރުސަތު ތަކެއް އުފެއްދުން،"
އެންރީކޭ ބުނީ ޕީއެސްޖީގެ ދަނޑުގައި، އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީ ބާސާ އަށް އެ ޓީމާ ދެކޮޅާށް ކުޅެން އުނދަގޫ ވާނެ ކަމަށެވެ.
ޕީއެސްޖީ އާ ބާސެލޯނާ މިރޭ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގަ އެވެ.