ވިޔަފާރި

ބީއެމްއެލްއިން ކެއާ ސޮސައިޓީއަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދީފި

ގައުމީ ބޭންކު ބީއެމްއެލުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކު ދިވެހިންގެ ބޭންކު" ކެމްޕޭންގެ ދަށުން ކެއާ ސޮސައިޓީއަށް 150،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދީފި އެވެ.

ބީއެމްއެލް އިން ބުނީ ކެއާ ސޮސައިޓީއަށް އެބޭންކުން އެހީވާން ނިންމީ ކެއާ ސޮސައިޓީއަކީ މާތް މަގުސަދެއްގައި އުފެދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް އުނގަންނައި ދިނުމާއި އެ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއަކަށްވާތީ ކަމަށެވެ.

ކެއާ ސޮސައިޓީއިން ބުނީ އެފައިސާ ބޭނުންކުރާނީ ވޮކޭޝަނަލް ޓްރެއިނިން އަދި ލީ އިންޓަވެންޝަން ޕްރޮގްރާމަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ކަމަށެވެ. އަދި އެސްކޫލަށް ބޭނުންވާ އެކިއެކި އެއްޗެހި ގަތުމަށްވެސް އެފައިސާ ބޭނުންކުރާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ކެއާ ސޮސައިޓީގައި މިހާރު 15 ކުދިންނަށް ކިޔަވައިދެ އެވެ. އަދި ރަޖިސްޓާކޮށް އެސެސްމެންޓް ހަދަމުންދާ ކުދިންވެސް އެބަތިއްބެވެ. ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓާ ނައުޝާން މުހައިމިން ވިދާޅުވީ އެސެސްމަންޓް ހެދުމަށް ޓީޗަރުން މާލޭގެ ގޭގެއަށް އަދި އަތޮޅު ތެރެއަށްވެސް ދާނެ ކަމަށެވެ.

ކެއާ ސޮސައިޓީގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ޑައުން ސިންޑްރޯމް، ސެރެބޯރަލް ސިންޑްރޯމް އަދި އަޑުއިވުމުން މަރުހޫމްވެފައިވާ ކުދިން ހިމެނެ އެވެ. އަހަރެންގެ ބޭންކު، ދިވެހިންގެ ބޭންކު ކެމްޕޭނުގެ ދަށުން މުޖުތަމައަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.