ހަބަރު

ހުޅުމާލޭން މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް އެޗްޑީސީން ފަށައިފި

Feb 14, 2017

ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ގުޅިގެން މިއަދު ހެނދުނު ފެށި އެ ޕްރޮގްރާމުގައި އެޗްޑީސީން މިހާތަނަށް ވަނީ ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި 80 އަށްވުރެ ގިނަ ތަންތަން ބަލައި ސާފުކޮށްފަ އެވެ. ސާފުކުރަމުންދާ ވަރަކަށް ބެދިފައި ހުރި ސަރަހައްދުތައް ސްޕްރޭކުރުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން މިއަދު ކުރިއަށް ގެންދެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި މަދިރި އާލާވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އިމާރާތްކުރާ ތަންތަނުގެ ލިފްޓު ގޮޅިތަކާއި ވަޅުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ފެން ހަރުލާފައި ހުރުން ކަމަށެވެ. އެހެންކަމުން އެފަދަ ގޮތްގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި މަސައްކަތް ސިލްސިލާކޮށް ކުރިއަށްގެންދަން އެޗްޑީސީން މިވަނީ ނިންމާފަ. ހަމަ އެއާއެކު މުޅި ހުޅުމާލެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއްވެސް ވަރަށް އަވަހަށް އަޅުގަނޑުމެން ބާއްވާނަން،" އެޗްޑީސީން ބުންޏެވެ.

މަދިރިން ސަލާމަތްވުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވާއިރު މިދުވަސްވަރަކީ ޑެންގީ ހުން ރާއްޖޭގައި ފެތުރެމުންދާ ދުވަސްކޮޅެއްވެސްމެ އެވެ.