ދުނިޔެ

ރޭޕް ކުރުން ގިނަ އިންޑިއާގައި، ފިރިހެނުން ދޮގު ތުހުމަތުގެ ޝިކާރައަކަށް؟

Feb 15, 2017

އިންޑިއާގެ ވެރިރަށް ނިއުޑެލްހީގެ މަގެއްގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ގިނަ ބަޔަކު ވެގެން އަންހެނަކު ރޭޕް ކުރި މައްސަލައަކީ 2012 ވަނަ އަހަރު މުޅި ދުނިޔެ ސިހިގެން ދިޔަ ހާދިސާއެކެވެ. ރޭޕްކުރުމުގެ މައްސަލަތައް އިންޑިއާގައި ރިޕޯޓްކުރާ މިންވަރު އެހާދިސާއަށް ފަހު ވަރަށް ބޮޑުތަނުން އިތުރުވެގެން ދިޔަ އެވެ.

ނަމަވެސް 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި އެ މުއްދަތުގައި ފުލުހުންނަށް ރިޕޯޓްކުރި ރޭޕްގެ މައްސަލަތަކުގެ ދެބައިކުޅަ އެއްބަޔަކީ ދޮގު ރިޕޯޓްތަކެވެ. ފައިސާ ހޯދުމަށް އަންހެނުން ރޭޕްގެ މައްސަލަތައް ދޮގު ހަދައިގެން އުފައްދާ ކަމަށް ފިރިހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނަން ފެށީ އެހިސާބުންނެވެ.

ރޭޕް ކުރުމުގެ ދޮގު ތުހުމަތެއް ބޮލުގައި އަޅަން ޖެހުނު އެކަކީ ޔޮގޭޝް ގުޕްތާ އެވެ. ގުޕްތާ ބުނާ ގޮތުގައި އޭނާއަކީ ރޭޕިސްޓެއް ނޫންކަން ސާބިތުކުރެވޭނެ ހުރިހާ ހެއްކެއް އޭނާގެ އަތުގައި އެބަހުއްޓެވެ. ނަމަވެސް އޭނާގެ ކުށެއް ނެތްކަން ފުލުހުން ބަލައިނުގަތުމަކީ އެހެން ކަމެކެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގައި އުޅޭ އުމުރުން 44 އަހަރުގެ ގުޕްތާ ބުނާ ގޮތުގައި އޭނާގެ ހިތްދަތިކަން ފެށުނީ ފައިސާތަކެއް ހިފައިގެން ފިލަން އުޅުނު މުވައްޒަފަކު އަތުލައިގަނެ، ފުލުހުންނަށް ރިޕޯޓްކުރާނެ ކަމަށް ބުނި ހިސާބުންނެވެ. އެ މުވައްޒަފު އެކަމުގެ ބަދަލު ހިފުމަށް ފޮނުވީ އަންހެނެކެވެ. އަންހެންމީހާ ގުޕްތާގެ ގާތަށް އައީ އެޕާޓްމަންޓެއް ގަންނަން އައި މީހަކަށް ހެދިގެންނެވެ. ގަންނަން ބޭނުންވާ ތަން ދައްކައި ނިމުމުން އަންހެން މީހާ ގުޕްތާގެ ކިބައިން އެދުނީ ދާދިކައިރީގައިވާ މެޓްރޯ ސްޓޭޝަނަކަށް ގެންގޮސްދިނުމަށެވެ. ގުޕްތާ އަންހެން މީހާ މެޓްރޯ ސްޓޭޝަނަށް ގެންދިޔަ އެވެ.

އެ އަންހެންމީހާ ފަހުން ފުލުހުންނަށް ރިޕޯޓްކުރީ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާގައި ހުސްކޮށް ހުރި އެޕާޓްމަންޓަކަށް އޭނާ ގެންގޮސްގެން، ގުޕްތާ އޭނާ ރޭޕްކުރި ކަމަށެވެ.

ގުޕްތާ ބުނެފައިވާ ގޮތުގައި އޭނާ ސަލާމަތްވީ ގިނަ ދުވަސްތަކެއް ވަންދެން ކޯޓަށް ދެމުމަށް ފަހު އެންމެ ފަހުން ކުށެއް ނެތްކަން ސާބިތުވުމުންނެވެ. ނަމަވެސް އެހިސާބަށް ދިޔައިރު އޭނާއަށް ވަނީ އިޖުތިމާއީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ދިރިއުޅުން ބަނަވެފަ އެވެ. ގުޕްތާއާ ދެކޮޅަށް ދައުވާ ކުރި އަންހެން މީހާ ކޯޓްގައި ފަހުން އިއުތިރާފްވެފައި ވަނީ އޭނާ ކުރީ ދޮގު ދައުވާއެއް ކަަމަށެވެ.

ރޭޕް މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަށް ވަކާލާތު ކޮށްދޭ ވިނޭ ޝަރުމާ ބުނެފައިވާ ގޮތުގައި އޭނާ ދިފާއު ކުރަން ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކާ ދެކޮޅަށް ކޮށްފައި ވަނީ ދޮގު ދައުވާތަކެވެ. އަދި އެފަދަ ދައުވާތަކުގެ މަގުސަދަކަށް ވެފައި އޮތީ ފައިސާ ހޯދުމެވެ.
ޑެލްހީ ކޮމިޝަން ފޯ ވޮމެން އިން 2014 ވަނަ އަހަރު އާންމު ކުރި ރިޕޯޓަކުން ގުޕްތާއާއި އޭނާގެ ވަކީލު ވިނޭ ޝަރުމާ ދައްކާ ވާހަކައަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބެއެވެ. އެރިޕޯޓްގައި ބުނެފައި ވަނީ އޭގެ ކުރީ އަހަރު (2013 ވަނަ އަހަރު) ފުލުހުންނަށް ހުށަހެޅި ރޭޕް މައްސަލަ ތަކުގެ ތެރެއިން 53 ޕަސެންޓް މައްސަލަ އަކީ ސާބިތު ނުވާ މައްސަލަތަކެވެ.

ނަމަވެސް އެކަން އެހެން ވެފައި ވަނީ އަންހެނުން ދޮގު ހެދުމުން ކަން ކަށަވަރު ކުރެވޭކަށް ނެތެވެ. އެހެނީ އޭގެ ތެރެއިން ބޮޑު ބައެއް ސާބިތު ނުވެ ގޮސްފައި ވަނީ ކޯޓާ ހަމައަށް ނުގެންގޮހެވެ. ބައެއް ފަހަރު މައްސަލަ ހުށަހެޅި އަންހެނުން އަމިއްލައަށް މައްްސަލަތައް އަނބުރާ ގެންގޮސްފައިވާއިރު އަނެއް ބައި މައްސަލަތައް ސާބިތު ނުވެ ގޮސްފައި ވަނީ އެކަށީގެންވާ ހެކި ނެތިގެންނެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އިންޑިއާގައި ފުލުހުންނަށް ހުށަހެޅޭ ރޭޕް މައްސަލަ ތަކަކީ ހިނގާ ހާދިސާތަކާ އަޅާ ބަލާއިރު މާ މަދު އަދަދެއްގެ މައްސަލަތައް ކަމެވެ.

އިންޑިއަން ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއާއި ނެޝަނަލް ހެލްތު ސާވޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެގައުމުގައި 2014 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހިނގި ހާދިސާތަކުގެ ތެރެއިން އެންމެ ހަ ޕަސެންޓް ހާދިސާ އެވެ. އެހެންވީމާ ގުޕްތާއާއި އޭނާގެ ވަކީލު ޝަރުމާ ދައްކާ ވާހަކައާ ހިލާފަށް، އިންޑިއާގައި އަދިވެސް އެންމެ ބޮޑު މައްސަލައަކީ ރޭޕް ކުރެވޭ އަންހެނުންނަށް އިންސާފު ނުލިބުމުގެ މައްސަލަ އެވެ. ދޮގު ހަދައިގެން ދައުވާ ކުރުމުގެ މައްސަލައެއް ނޫނެވެ.