ދުނިޔެ

އިމްތިހާނުގައި މަކަރުހެދުން އިންޑިއާގައި އާ އުސްމިނަކަށް

އިންޑިއާގެ ބިހާރު ސްޓޭޓްގައި ދަރިވަރުން އެމީހުންގެ އިމްތިހާނުތަކުގައި ކޮޕީކޮށް، ޓެސްޓެ ޕޭޕަރުން ފާސްވުމަށް އޮޅުވާލައި މަކަރު ހެދުމަކީ ވަރަށް އާންމު އަދި އެހާމެ މަޝްހޫރު ވެސް ކަމެކެވެ.

ނަމަވެސް މިފަހަރު މި އޮތީ އެކަން ހައްދުފަހަނަޅައިގޮސްފަ އެވެ.

ބިހާރު ސްކޫލް އެގްޒަމިނޭޝަން ބޯޑުން މިދިޔަ އަންގާރަ ދުވަހު މި ސްޓޭޓްގެ ސްކޫލްތަކުގެ އިމްތިހާނު ފަށާފައިވާއިރު މިފަހަރުގެ އިމްތިހާނަކީ ކޮޕީކުރުމުގައި މަކަރުހެދުން މެކުހަށް ޖަހާފައިވާ ފަހަރެކެވެ. މީގައި އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ ޓެސްޓް ޕޭޕަރުން ފާސްވާން ކޮޕީކޮށް މަކަރު ހެދުމަށް ދަރިވަރުންނަށް އެންމެ ބޮޑަށް ހިތްވަރުދީ، އެއްބާރުލުމެއް ދެމުން ގެންދަނީ މި ކުދިންގެ ބެލެނިވެރިން ކަމެވެ.

"މި ޓީޗަރުންނަކީ އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫން. ރަނގަޅަކަށް ކިޔަވައެއް ދެނީކީނޫން. ދެން އެހާ ވަރަށް އެބްޒެންޓް ވާނެ. އެހެންވީމަ އަހަރެމެން މި ޖެހެނީ ދަރިންކޮޅު ފާސްކުރަން މިހާލެއްގައި އުޅެން،" އެންޑީޓީވީ އަށް އިންޓަވިއު ދިން ބެލެނިވެރިޔަކު ބުނީ މިހެންނެވެ.

ސްކޫލްތަކުގައި އިމްތިހާނުތައް ކުރިއަށް ދަނިކޮށް ގްރޭޑް 10އެއްގެ ދަރިވަރުންތަކަކަށް ޓެސްޓް ޕޭޕަރުގެ ޖަވާބުތައް ސިޓީތަކެއްގެ ގޮތުގައި ކުލާހުގެ ކުޑަދޮރުން އެތެރެކޮށްދޭ މަންޒަރު ދައްކުވައިދޭ އާދަޔާހިލާފު ފޮޓޯތަކެއް ވެސް ވަނީ ބުރާސްފަތި ދުވަހު އާންމުވެފަ އެވެ. ބުރިބުރި އަށް ނަގާފައި ހުންނަ އުސް އިމާރާތްތަކުގައި ހިންގާ ކްލާސް ރޫމުތަކަށް ވެސް ބެލްކަނީތަކުންނާއި ކުޑަދޮރުތަކުގައި އެލިގަނެގެން ގޮސް ވެސް ދަރިވަރުންގެ ބެލެނިވެރިން ނުވަތަ އެމީހުންގެ ހާއްސަ އެޖެންޓުން ޓެސްޓް ޕޭފަރުގެ ޖަވާބުތައް، ކަރުދާހުގައި ލިޔެ ބޮޑިކޮށްފައި ދެނީ އެވެ.

މި މައްސަލަ ބޮޑުވެގެން މިހާތަނަށް ވިއްސަކަށް ބެލެނިވެރިޔަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި 500 އަށް ވުރެ ގިނަ ދަރިވަރުން ސްކޫލްތަކުން ބޭރުކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

މި ސްޓޭޓްގައި، އިމްތިހާނުގައި ކޮޕީކުރުމާއި މަކަރު ހެދުން ހައްދުފަހަނަޅައި ގޮސްފައި އޮތް މިންވަރަކީ މި މައްސަލަ މިވަރަށް ބޮޑުވެފައި އޮތްއިރު ވެސް ރަސްމީ ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއް މި މައްސަލަ އަށް ނުދޭ ކަމެވެ. އަނެއްކޮޅުން އިމްތިހާނުގައި ތިބި ދަރިވަރުންނަށް، ކޮޕީކޮށް މަކަރު ހެދުމަށް އެމީހުންގެ ބެލެނިވެރިން އެހީވަމުން ދިޔަ މަންޒަރު މީޑިއާގެ ފޮޓޯގްރާފަރުން ނެގުމަކުން ވެސް އެމީހުންގެ ކަންބޮޑުވުމެއް ނެތެވެ.

އިމްތިހާނު ކުރިއަށްދާ ހޯލުތަކުގެ ތެރޭގައި ވެސް ދަރިވަރުން އެއް ޕޭޕަރުން ކޮޕީކޮށް މަކަރު ހަދަމުން ގެންދަނީ ވެސް އެއްވެސް ފަރުވާލެއް ނެތި އެވެ. ބައެއް ކުދިން އިމްތިހާނަށް ދަނީ ޖަވާބުތައް ލިޔެފައިވާ ފޮތްތައް ވެސް ހިފައިގެންނެވެ. އަނެއްކޮޅުން ފުލުހުންނަށް ކުޑަ ލާރިކޮޅެއް ދީގެން ބެލެނިވެރިޔާ ބޭނުންވާ ފޮތާއި ޖަވާބުތައް ދަރިވަރުންނާ ހަމަ އަށް ގެންގޮސް ދިނުމަކީ ވެސް އެއްވެސް ކަމެއް ނޫނެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިފަދަ އިމްތިހާނުތަކުގައި މަކަރު ހަދާ ދަރިވަރުންނަށާއި މީހުންނަށް ބިހާރުގައި އަދަބު ވެސް ކަނޑައެޅިފައިވާ ކަމެވެ. ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އަދަބު އޮތަސް އިމްތިހާނުގައި މަކަރު ހަދާ މީހުންނަށް މި އަދަބު އެއްގޮތަކަށް ވެސް ނުދޭ ކަމަށްވެ އެވެ.

ބިހާރުގެ އޮފިޝަލުން ވިދާޅުވަނީ ދަރިވަރުންގެ ބެލެނިވެރިންގެ އެއްބާރުލުން ނުލިބި މި މައްސަލަ އަށް ހައްލެއް ހޯދާނެ އެއްވެސް ގޮތެއް އެމީހުންނަކަށް ނޭނގޭ ކަމަށެވެ.