ދުނިޔެ

ޓްރަމްޕް އާއި ރަޝިޔާ: "ސިއްރު" ގުޅުމުގެ އަޑާއެކު ބޮޑު ރެނދެއް!

Feb 15, 2017

ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން އިސްތިއުފާ ދެއްވުމުން، އެމެރިކާގެ ރައީސް ޓްރަމްޕާ ރަޝިޔާއާ ގުޅުވައިގެން ދައްކާ ވާހަކަ ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައިފާނެ އެވެ.

ނަމަވެސް ޓްރަމްޕްގެ ސަރުކާރާއި ރަޝިޔާއާ ދެމެދު އޮތް ކަމަށް ބެލެވޭ ނުކިއްސަރު ގުޅުމާ ބެހޭ އާ ވާހަކަތަކުގެ އަޑު އަދިވެސް ދަނީ ގަދަވަމުންނެވެ. ނިއުޔޯކް ޓައިމްސް އިން ސިފަކޮށްފައިވާ ގޮތުގައި މުޅި އެ 'ކަންތައްގަނޑުން' ވެސް ފާހަގަ ވަނީ ޓްރަމްޕްގެ ސަރުކާރުގެ ބޭވަފާތެރިކަމާއި ނާގާބިލުކަމެވެ. އަދި އެމެރިކާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް އެ ސަރުކާރުން ތައްޔާރުވެފައިވާލެއް ކުޑަކަމެވެ.

އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރާއި ފޯނުން ދެއްކެވި ވާހަކަތަކަކާ ބެހޭ ގޮތުން އިސް އޮފިޝަލުން ތަކަކަށް ފްލިން އިތުރުފުޅު ހައްދަވާފައިވާކަން ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ޖެނުއަރީ މަހު ވައިޓްހައުސް އަށް ވަނީ އަންގާފަ އެވެ. އެކަން ހާމަވީ ވޮޝިންގްޓަން ޕޯސްޓް ނޫހުން ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓަކުންނެވެ. ބެލެވޭ ގޮތުގައި ސަރުކާރުގެ ތެރެއިން ފްލިން ބޭރު ކުރުމަކީ އެ ރިޕޯޓް އާންމު ނުކުރި ނަމަ ހިނގާނެ ކަމެއް ނޫނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ވައިޓްހައުސް އަށް އަންގާފައި ވަނީ ރަޝިޔާގެ ސަފީރާ ފޯނުން ދެއްކެވި ވާހަކަފުޅުގައި އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަފަޅުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެމުއާމަލާތްކޮށްފައި ވަނީ ޓްރަމްޕް ރިޔާސަތަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. އެހެންވީމާ ފްލިންއަކީ އޭރު އަދި އެއްވެސް ހައިސިއްޔަތެއް ނެތް ބޭފުޅެކެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން ފަރުދަކު އަމިއްލައަށް ގައުމުގެ ރަސްމީ ހާރިޖީ ވާހަކަތައް ދެއްކުމަކީ މަނާކަމެކެވެ.

އެމައްސަލައިގައި ފްލިން އާއްމުކޮށް ދައްކަވަމުން ގެންދެވި ވާހަކަތަކާއި ރަޝިޔާ ސަރުކާރާއި އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނަށް އެނގޭ މައުލޫމާތާ ފުށު އަރަ އެވެ. އެހެން ވުމުން އޭނާ ބްލެކްމެއިލް ކުރުމަކީ ރަޝިޔާ ސަރުކާރަށް ފަސޭހަ ކަމަކަށް ވެފައި ވިއެވެ. ނަމަވެސް އެކަން އެމެރިކާގެ އާއްމުންނަށް ސިއްރުވެފައި އޮތް ހިނދަކު އެކަމުގެ ނުރައްކަލާ މެދު ވިސްނައި ފިޔަވަޅު އެޅުމަކީ ބޭނުމެއް އޮތް ކަމެއް ކަމަކަށް ވައިޓްހައުސް އިން އޮތީ ނުދެކި އެވެ.

ފްލިންގެ އޮޅުވައިލުންތަކާ ބެހޭ މައުލޫމާތު ރައީސް ޓްރަމްޕަށް ދެހަފުތާ ކުރިން ދީފައިވާ ކަމަށް ވައިޓްހައުސް އިން އިއްޔެ ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެފަދަ ވާހަކައެއް އަޑު ނާއްސަވާ ކަމަށެވެ.

ފްލިން އާއި ރަޝިޔާ ސަފީރާ ދެމެދު ކުރި އެމުއާމަލާތުގެ ސަބަބުން ފްލިން ހުންނެވީ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް މަގާމަށް ކުފޫ ހަމަނުވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެހެނީ އެމަގާމަކީ އެމެރިކާގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާ މަޖިލިސްތަކަށް ހާޒިރު ވެވޭ، ރައީސާ ބައްދަލުކުރެވޭ މަގާމެކެވެ. އެހެން ގައުމެއްގެ ނުފޫޒު ފޯރާ މީހަކު އެމަގާމުގައި ހުރުމަކީ އެމެރިކާއަށް އޮތް ނުރައްކަލެކެވެ.
އިސްތިއުފާ ދެއްވި ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ ފޯން ކޯލާ ބެހޭ ގޮތުން އިސް އޮފިޝަލުންނަށް 'ފުރިހަމަނޫން މައުލޫމާތު' ދެއްވާފައިވާނެ ކަމަށެވެ.

ދަ ޓައިމްސް ނޫހުން އިއްޔެ ބުނެފައި ވަނީ ޓްރަމްޕް ހުވާ ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން އެމައްސަލާގައި ފްލިންއާ ސުވާލުކުރަން ފެށި ކަމަށެވެ. އެގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގައި ފްލިން އިތުރުފުޅު ހައްދަވާފައިވާ ނަމަ ގައުމަށް ޣައްދާރުވި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލޭނެ އެވެ.

ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ އެއް އަހަރު ކުރިން ފެށިގެން ޓްރަމްޕްގެ އަރިސް ބޭފުޅުންނާއި ކެމްޕޭން އޮފިޝަލުން ރަޝިޔާގެ އިންޓެލިޖެންސް އޮފިޝަލުންނާ ތަކުރާރުކޮށް މުއާމަލާތްކޮށްފައި ވާ ކަމަށް އެމެރިކާގެ ކުރީގެ އިންޓެލިޖެންސް އޮފިޝަލުންތަކަކާއި މިހާރުގެ އޮފިޝަލުންތަކެއް ވެސް އެނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ޑޮނަލްޓް ޓްރަމްޕް ކާމިޔާބު ކުރެއްވުމާއި އެކު އެންމެ ގަދައަށް އިވުނު އަޑަކީ އޭނާއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ރަޝިޔާ ސަރުކާރުން މަދަދުކުރި ކަމަށް ދެކެވުނު ވާހަކަތަކެވެ. ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ހެކްކުރީ އެބޭނުމަށް ރަޝިޔާއިން ކަމަށް އެމެރިކާގެ އޭރުގެ ސަރުކާރުން ދައުވާކުރި އެވެ. އަދި ހެކްކުރި މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އެޅި އެވެ.

އޭރު ކީ އަޑާ އެކީ ރެނދެއްލާފައިވާކަން މިހާރު މިދަނީ ހާމަވަމުންނެވެ. - ނިއުޔޯކް ޓައިމްސް