ބޮލީވުޑް

ދިޕިކާ "އިންޑޯ-ޗައިނީޒް" ފިލްމެއް ކުޅެނީ

Feb 16, 2017

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދިޕިކާ ޕަދުކޯން އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ގެ ކާމިޔާބީ އާއެކު އޭނާ އަށް އިތުރު ބޭރުގެ ފިލްމުތަކުން އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.

މިހާރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ކުޅެމުން އަންނަ ދިޕިކާ، ޑައިރެކްޓަރު ސިދާތް އަނަންދްގެ އިންޑޯ-ޗައިނީޒް ފިލްމަކުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ޗައިނާގެ މަޝްހޫރު އެކްޓަރު ޑެންގް ޗާއޯ މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ސިދާތް ވަނީ ބުނެފަ އެވެ.

އިންޑިއާ އާއި ޗައިނާގެ ސަގާފަތް ވެސް ފެނިގެންދާނެ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ބައިޖިންގަ އެވެ.

އެންމެފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ އާއި ދިޕިކާ ކުރެން ކޮންމެވެސް އެއް ތަރިއެކެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން ވަނީ އެންމެފަހު ވަގުތު މި ރޯލު ދިޕިކާ އަށް ދޭން ނިންމާފަ އެވެ.

"ޓްރިޕަލް އެކްސް" ގެ ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ދިޕިކާގެ ހިންދީ ފިލްމެއް މިދިޔަ އަހަރު ރިލީޒްވެފައިނުވާއިރު، ކުރިއަށް ކުޅުމަށް ގިނަ ހިންދީ ފިލްމުތަކަކުން އޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ.