ކުޅިވަރު

ރެއާލް އާއި ބަޔާން ކުއާޓާގެ އުންމީދު ބޮޑު ކޮށްފި

Feb 16, 2017

އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ރޭ އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 3-1 އިން ނެވެ.

އާސެނަލްއާ ދެކޮޅަށް ކުޅުނު ބަޔާން މިޔުނިކް މޮޅުވީ 5-1 ނަތިޖާ އަކުން ނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ނަޕޯލީ އިންނެވެ. މެޗުގެ އަށް ވަނަ މިނެޓް ގައި އެ ޓީމަށް ލީޑް ނަގައިދިނީ ލޮރެންޒޯ އިންސީންޔޭ އެވެ.

އޭނާ ލަނޑު ޖެހީ ރެއާލްގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ސީދާ ގޯލަށް ފޮނުވާލައިގެން ނެވެ. އެ ވަގުތު ރެއާލްގެ ކީޕަރު ކޭލޯ ނަވާސް ކުރިއަށް ނިކުމެ ހުރުމުން އެ ބޯޅަ ގޯލަށް އަށް ވަދެގެން ދިޔައިރު ނަވާސް އަށް ބޯޅަ އަށް ހަރަކާތް ކުރުން ފިޔަވައި ކުރެވުނު އެހެން ކަމެއް ނެތެވެ.

ނަޕޯލީ އަށް ލީޑް ގައި އޮވެވުނީ އެންމެ، 10 މިނެޓެއް ހައިރު އެވެ. މެޗުގެ 18 ވަނަ މިނެޓްގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށުނު ތަނުން ކާމިޔަބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ޓޯނީ ކްރޫޒް އެވެ.

ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ކެސެމީރޯ އެވެ.

ބަޔާންގެ ދަނޑު ގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ތިއާގޯ އަލްކަންޓާރާ އެވެ. އަނެއް ތިން ލަނޑު ކާމިޔަބު ކުރީ އާރެން ރޮބެން އާއި ރޮބަޓް ލެވަންޑޮސްކީގެ އިތުރުން ތޯމަސް މުލާ އެވެ.

އާސެނަލްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ އެލެކްސިސް ސަންޗޭޒް އެވެ. އޭނާ ލަނޑު ޖެހީ އާސެނަލް އަށް ލިބުނު ޕެނަލްޓީ ބަޔާންގެ ކީޕަރު މެނައުލް ނޮޔާ ދިފާއު ކުރުމުން، ރީބައުންސަށް ނިކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.