ހަބަރު

ސިޔާސީ ކަންކަމުގައި ސިފައިންގެ ލަވަ ބޭނުން ނުކުރަން އެދެފި

Mar 20, 2015

އެމްޑީޕީ އާއި އަދާލަތު ގުޅިގެ ރޭ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"  ނަމުގައި ބޭއްވި ޖަލްސާގައި ތީމް ލަވަޔަކަށް ސިފައިންގެ ލަވަ ބޭނުންކޮށްފައި ވަނިކޮށް އެއްވެސް ފަރާތަކުން މުނާސަބު ނޫން ކަންކަމުގައި އެ ލަވަ ބޭނުން ނުކުރަން އެމްއެންޑީއެފުން އެދެފި އެވެ.

އެމްއެންޑީއެފުން ބުނީ އެކިއެކި ކަންކަމާއި މުނާސަބު ނޫން ގަފުލާތަކާއި ސިޔާސީ އެއްވުންތަކާއި ބައްދަލުވުންތަކުގެ އިތުރުން، އާންމު ޖަލްސާތަކުގައި ސިފައިންގެ ލަވަ ބޭނުން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ރޭ ނެރުނު ބަޔާނުގައި ސިފައިންނަށް ޚާއްޞަކޮށްފައިވާ ސިފައިންގެ ލަވަ އަކީ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ސިފައިންނަށް ހާއްސަ ޝަރަފުވެރި ލަވައެއް ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ އެއްވުންތަކާއި ބައްދަލުވުންތަކުގައި އެ ލަވަ ބޭނުން ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެ ލަވަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ސިފައިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ.