ވިޔަފާރި

ބީއެމްއެލްގެ ސީއެސްއާރު އެހީތައް މުޅި ރާއްޖެއަށް ފަތުރާލަނީ

Feb 16, 2017

އަތޮޅު ތެރޭގައި އެކި ސަރަހައްދުތަކުގައި ހިންގާ ސީއެސްއާރުގެ ހަރަކާތްތަކަށް ވެސް ގައުމީ ބޭންކް، ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އެކަން އިއުލާންކޮށްފައި ވަނީ، އިއްޔެ ދ. ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ބޭންކުން ބުނި ގޮތުގައި، އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް ފަންޑް ހޯދުމަށް އެއަތޮޅެއްގެ ބޭންކް ބްރާންޗަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އޭރުން ޕްރޮޕޯސަލް ރިވިއު ކުރުމަށް ފަހު މާލީ ގޮތުންނާއި އެހެން ވެސް ގޮތްގޮތުން ބޭންކުން އެހީ ދޭނެ ކަމަށް ބުންޏެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރަން ނިންމައިފަ އެވެ. އަދި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ހިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފަ އެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކުއަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.