ހަބަރު

ޑީޕީ ވޯލްޑާ އެކު އިންވެސްޓަރުންގެ އިތުބާރު ހާމަވެއްޖެ، ގިނަ އިންވެސްޓްމަންޓްތަކެއް ފެންނާނެ: އަދީބު

ޑީޕީ ވޯލްޑްގެ އެމްއޯޔޫގައި ސޮއި ކުރުމަށް ދުބާއީއަށް މިހާރު ޒިޔާރަތް ކުރައްވަމުން އަންނަ މިނިސްޓަރުންގެ ވަފުދުގައި އިސްކޮށް ހުންނެވި މިނިސްޓަރު އަދީބު މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ނުކުރެވި އެއް ހިސާބެއްގައި އޮންނަތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށާއި އެމްޕީއެލްގެ ޝަކުވާ މެދު ނުކެޑި ލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެކަމަށް މާލީ ތަނަވަސްކަން ނެތުމުން އެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑީޕީ ވޯލްޑް ފަދަ ބޮޑު ކުންފުންޏަކުން އެ މަޝްރޫއާ ހަވާލުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ބޫސްޓެއް ކަމަށެވެ. އެގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި އޭގެ ސަބަބުން އިގްތިސާދީ އިތުރު މަސައްކަތްތަކެއް މާލޭގެ ސަރަހައްދުގައި ފެށޭނެ އެވެ.

"މިއީ ރާއްޖޭގެ އިގްތިސާދާއި ޖީޑީޕީއަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކޭ. މި ޕްރޮޖެކްޓްގެ ސަބަބުން މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު އެއް ބަނދަރު ރާއްޖޭގައި މި ހަދަނީ. އަދި ޕްރޮސެސިން ޒޯންއާ އެކު ރާއްޖެ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އެތައް ތަނަކުން އިތުރުވާނެ. މިކަމުން ދައްކައިދެނީ މި ސަރުކާރަށާއި ރާއްޖެއަށް އިންވެސްޓަރުން ކުރާ އިތުބާރު. އެ ކޮންފިޑެންސް އޮތް މިންވަރު. އެކަމާ މިހާރު ސުވާލެއް ނުއުފެދޭ،" އިކޮނޮމިކް ކޮމިޓީގެ ކޯޗެއާ އަދި އެސްއީޒެޑް ބޯޑްގެ ޗެއާ އަދީބު ވިދާޅުވި އެވެ.

އެ މަޝްރޫއަށް ދުބާއީ ވޯލްޑުން 300 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރަން ނިންމާފައިވެ އެވެ. އެ މަޝްރޫއުގެ ރަސްމީ އެގްރިމަންޓްގައި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ސޮއިކުރާއިރު، އެ މަޝްރޫއު ކުރިއަށް ގެންދާނީ އެމްޕީއެލްއާ ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ. އަދި އެ މަޝްރޫއު ހިންގާ އިރު، އެމްޕީއެލްގައި ވަޒީފާގައި ތިބި އެއްވެސް މުވައްޒަފަކު ވަކި ނުކުރުމާއި ވަކި މިންވަރަކަށް ދިވެހި މުވައްޒަފުން ވަޒީފާތަކަށް ނެގުމަށް ސަރުކާރާއި ޑީޕީ ވޯލްޑުން އެއްބަސްވާން ނިންމާފައިވެ އެވެ.

އަދީބު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ޑީޕީ ވޯލްޑުން ފަށާނެ ކަމަށާއި މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު އެކީ ނިންމާނެ ކަމަށެވެ. އެގްރިމަންޓަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުންނާއި ވަޒީރުންގެ މަޖިލީހުގެ ހުއްދަތައް ހޯދުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީޕީ ވޯލްޑުން ހަމައެކނި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެ މަޝްރޫއަށް އެކަނި ނޫން ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިކޮނޮމިކް ޒޯންތަކާއި ބަނދަރުތައް ތަރައްގީ ކުރުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ބޭރުގެ އެފަދަ ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވަނީ ރައީސް ޔާމީން އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ގެންގުޅޭ ވިޝަން އާއި މި ސަރުކާރުން އިންވެސްޓަރުންނާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އިރުޝާދާ އެކު މިފަދަ ގިނަ އިންވެސްޓަރުންތަކެއް ގެނެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިއަހަރު ފަށައިގަންނަން އަޅުގަނޑުމެންގެ އަމާޒު މި ހުރީ. އެކަމަށް އަޅުގަނޑުމެން މި އަންނަނީ އިކޮނޮމިކް ކޮމިޓީންނާއި މަޖިލީހުގެ ތެރެއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މިފަދަ އެތައް މަޝްރޫއުތަކެއް އަދި ޕައިޕްލައިންގައި އެބަހުރި،" އަދީބު ވިދާޅުވި އެވެ.

ދުބާއީ ސަރުކާރުގެ މައި އިންވެސްޓްމަންޓް ކުންފުނި، ދުބާއީ ވޯލްޑްގެ ސަބްސިޑަރީއެއް ކަމަށްވާ ޑީޕީ ވޯލްޑުން އަންނަނީ ދުނިޔޭގެ އެކި ބައްރުތަކުގައި 60 އަށް ވުރެ ގިނަ ބަނދަރު އޮޕަރޭޓް ކުރަމުންނެވެ. މި ސަރަހައްދުން އިންޑިއާގެ ކޮޗިންގައި ވެސް އެ ކުންފުނިން ބަނދަރެއް އޮޕަރޭޓް ކުރެ އެވެ. އަދި ދުބާއީގެ އެންމެ ބޮޑު ފްރީ ޒޯން ޖަބަލް އަލީ ވެސް ތަރައްގީކޮށް އޮޕަރޭޓް ކުރަނީ އެ ކުންފުނިންނެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާން ކުރީ ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ވެސް ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.