ހަބަރު

މިސްކިތްތައް ސިޔާސީ ކަންކަމަށް ބޭނުން ކުރުން ހުއްޓުވަން ޖެހޭ: އުމަރު

Mar 20, 2015

މިސްކިތްތަކާއި މިސްކިތްތަކަގެ ވަށައިގެންވާ ނަމާދުކުރާ ސަރަހައްދު ސިޔާސީ ކަންކަމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގާ ނަމަ ފުލުހުން އެކަމާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އުމަރު މިހެން ވިދާޅުވީ ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިވަންކަމާއި ރައްކާތެރިކަމަށް އެދި އިސްލާމީ މަރުކަޒު ބޭރުގައި އެމްޑީޕީ ސަޕޯޓަރުން މިއަދު ދުއާ ކޮށްފައި ވަނިކޮށެވެ. އެ ދުއާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. މިދިޔަ ހުކުރު ދުވަހު ވެސް ހުކުރު ނަމާދަށް ފަހު އެ ދުއާ ކޮށްފައިވެ އެވެ.

ނަޝީދު ހައްޔަރު ކޮށްފައިވާތީ އެމްޑީޕީން ގެންދަނީ ސިލްސިލާކޮށް މާލޭގައި ހަރަކާތްތައް ހިންގަމުންނެވެ.