ހަބަރު

ރޭގެ އަލިފާނުގެ ހާދިސާތަކުގެ ފަހަތުގައި ބަޔަކުވާ ކަމަށް ސީޕީ އިޝާރާތް ކުރައްވައިިފި

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ސިފަކުރައްވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިރޭ އަޕްޑޭޓް ކުރައްވާފަައިވާ ސްޓެޓަސް އެއްގައި ވިދާޅުވެފައި ވަނީ "...ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ފުލުހުން ތަހުގީގުކޮށް މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދައި ގާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ..." ކަމަށެވެ.

މާލޭގައި ރޭ ލިލީ ސްޓޯރުގެ ގުދަނެއްގައި ރޯވެ 30 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައި ވާއިރު ރޭ މެންދަމު، ޣިޔާސުއްދީން ސްކޫލާއި ކުޅިވަރު އެކުވެންޏާ ދެމެދުގައި ހުރި ކުނިތަކެއްގައި ވެސް ރޯވެފައިވެ އެވެ.

ނަމަވެސް އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ކުރިން އެތަން ވަނީ ނިއްވާލައިފަ އެވެ. އޭގެ ފަހުން ދައުލަތުގެ އޮފީސްތަކާއި ވިޔަފާރި ބަނދަރާއި ޕެޓްރޯލް ޝެޑްތަކުގެ ކައިރީގައި ސިފައިން ރޭ ފޯރި އަށް ތިއްބެވެ.

ޕޮލިސް ކޮމިޝަނަރުގެ ޕޭޖްގައި، ރޭގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ސިފައިންނާއި ފުލުހުން އަދި އާންމުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރޭގެ އަލިފާނުގެ ހާދިސާތަކުގެ ކުރިން، އޭގެ ކުރީ ރޭ ނީލަން ފިހާރާގައި ވެސް ރޯވެފައިވެ އެވެ. ސިޔާސީ ހަލަބޮލިކަން އިތުރުވެފައި ވަނިކޮށް މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ތަންތަނުގައި ހުޅުޖެހުމުގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.