ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި، 4-0 އިން ފްރާންސްގެ ޕިއެސްޖީ އަތުން ބަލިވުމަށް ފަހު، ދެ ވަނަ ލެގް މެޗުގައި، އެ ނަތިޖާ އަނބުރާ ލެވޭނެ ހަމަ އެކަނި ޓީމަކީ، ބާސެލޯނާ ކަމަށް އެޓީމުގެ ކުރީގެ ކޯޗް، މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ރައުންޑުގައި މިރޭ ހަޑާސްފީލްޑާ ދެކޮޅަށް މެން ސިޓީ، ކުޅޭ މެޗުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން، ގާޑިއޯލާ ބުނީ، ޕީއެސްޖީ އަތުން 4-0 ބަލިވުމުން، ބާސާ އަށް މާ ގިނަ އިން މަލާމަތް ކޮށްގެން ނުވާނެ ކަމަށާއި، މަލާމާތް ކުރާ މީހުންގެ ވާހަކަ ތަކަށް ފުރިހަމަ ރައްދު މީގެ ކުރިން ވެސް ބާސާއިން ދީފައިވާނެ ކަމަށެވެ.
"ބާސެލޯނާ އަށް މާބޮޑަށް މަލާމާތް ނުކުރާށޭ އަހަރެން ބުނާނެ ވާހަކަ އަކީ، އެއީ ކަލޭމެންގެ މާލަމަތުގެ ވާހަކަތައް ނުބައިކަން އެ ޓީމުން ސާބިތު ކޮށްދޭނެ، އެމީހުން ނަކީ، އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުލަބު،"
"އެކަހަލަ ނަތީޖާއެއް އައިސްފާނެ އެމީހުންނަށް މެޗުގެ ކުރިން ރަނގަޅަށް ކަންކަން ނުދިޔައީމަ، އަދި އިދިކޮޅު ޓީމު ވަރަށް ރަނގަޅަށް ކުޅޭ ދުވަހެއް ނަމަ، އެއީ އަހަންނަށްވެސް ވާގޮތެއް،" ގާޑިއޯލާ ބުންޏެވެ.
އޭނާ ގަބޫލު ކުރާ ގޮތުގައި، އަމިއްލަ ދަނޑުގައި ޕިއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުން ބާސާ އަށް ނަތީޖާ އަނބުރާ ލެވޭނެ އެވެ. ޕީއެސްޖީ ބަލިކޮށް ކުއާޓާ އަށް ދާން ބާސާ ބޭނުން ނަމަ، ޕީއެސްޖީއިން އިތުރު ލަނޑެއް ޖެހިޔަ ނުދީ، މަދުވެގެން ފަސް ލަނޑު އެ ޓީމުން ޕީއެސްޖީ ކޮޅަށް ޖަހަން ޖެހެ އެވެ.
"ހަތަރެއް - ސުމެއްގެ ފަހަތުގައި އޮވެ، ރަނގަޅު މެންޓަލިޓީއެއްގައި ނިކުމެ، އެ ނަތީޖާ ފުށުން ޖަހާލެވޭނެ ހަމައެކަނި ޓީމަކަށް ދުނިޔޭގައި އޮތީ ބާސެލޯނާ، އެމީހުން ވަނީ 100 އަހަރު ވަންދެން ފުޓްބޯޅައިގައި ޑޮމިނޭޓް ކޮށްފަ،" ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގް ދެ ވަނަ ބުރުގައި، އާސެނަލް ވެސް ބަލިވީ ހަތަރު ލަނޑުގެ ތަފާތަކުން ނެވެ. ވަރުގަދަ ބަޔާން މިޔުނިކުން އާސެނަލްގެ މައްޗަށް ކާމިޔާބު ހޯދީ 5-1 އިން ނެވެ. އެ ނަތީޖާއިން އާސެނަލް ބަލިވުމުން އެ ޓީމާއި، އެ ޓީމުގެ ކޯޗް އާސަން ވެންގާ އަށް ވެސް ވަނީ ފާޑު ކިޔުންތައް އަމާޒު ވެފަ އެވެ.
ނަމަވެސް ގާޑިއޯލާ ވަނީ އޭނާގެ ސަޕޯޓް އާސެނަލް އާއި ވެންގާ އަށް އޮތް ކަން ހާމަ ކޮށްފަ އެވެ.
"އެއް މެޗެއް ނުވަތަ ދެ މެޗަކުން ބަލި ވެއްޖެއްނަމަ، މީހުން ހަނދާން ނެތޭނެ އަހަރުތަކެއް ވަންދެން ހޯދާފައި ހުރި ކާމިޔާބުގެ މަތިން، އަހަރެންގެ ހުރިހާ ސަޕޯޓެއް އާސަނަލް އާއި ވެންގާ އަށް އޮންނާނެ،" ނިންމާލަމުން، ގާޑިއޯލާ ބުންޏެވެ.