ކުޅިވަރު

3-1 މޮޅުވިޔަސް، ރެއާލް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި

Feb 18, 2017
2

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ނަޕޯލީ އަތުން 3-1 ން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، ރެއާލް އަށް އޮތީ މާ ބޮޑު ބިރުވެރި ކަމެކެވެ.

ޗެމްޕިއަންސް ލީގް ތާރީޙްގައި، އަމިއްލަ ދަނޑުގައި މޮޅުވި ނަމަވެސް، ދެ ވަނަ ލެގްގެ ނަތީޖައިން ރެއާލް އަށް ހަތަރު ފަހަރެއްގެ މަތިން ލަނޑު ލިބިފައި އެބަހުއްޓެވެ.

ފުރަތަމަ ފަހަރަކީ، 1979 ގައި، ސްވިޒަލޭންޑްގެ ގްރާސްހޮފާ ކުލަބު ޒިޔުރިކް އަތުން ނެވެ. އެއަހަރު ފުރަތަމަ ލެގް އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ ހަމަ ނަޕޯލީ އަތުން މޮޅުވި ނަތީޖާ އިން ނެވެ. ތިނެއް އެކަކުން ނެވެ. ނަމަވެސް ރެއާލް އަށް ލަނޑު ލިބުނީ ގްރާސްހޮފާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު 2-0 ކާމިޔާބު ކޮށް އަވޭގޯލްގެ ނަތީޖާ އިން ގްރާސްހޮފާ އަށް ކުރި ލިބުމުން ނެވެ.

ޔޫރަޕްގެ މުބާރާތް ތަކުގައި ތިނެއް - އެކެއްގެ ނަތީޖާއިން ފުރަތަމަ ބުރުން މޮޅުވެގެން ރެއާލް އަށް ފަރު ޖައްސާ ލެވޭކަށް ނެތެވެ. ފްރާންސްގެ ޕީއެސްޖީ އާއި ހޮލެންޑްގެ ޕީއެސްވީ އަދި ޖަރުމަންގެ އެފްސީ ކައިސާ ސްލާޓަން ވަނީ ދެ ވަނަ ލެގުގައި ރެއަލް ބަލިކޮށް ރެއާލް މުބާރާތުން ބޭރު ކޮށްލާފަ އެވެ.

ނަޕޯލީގެ ފަރާތުން ރެއާލް އަށް އޮތް މި ބިރުވެރިކަން ކުޑަ އެއް ނޫނެވެ. ނަޕޯލީގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފައި ވަނީ މިސްޓޭކްތައް މަދު ކޮށްގެން ކުޅެފިނަމަ، ރެއާލް އަށް ނަޕޯލީގެ ދަނޑުން އަލިފަނެއް ފަދަ ހޫނު އުނދަގުލެއް ކުރިމަތިވާ މެޗަކަށް ހަދާލެވިދާނެ ކަމަށެވެ.