ހަބަރު

އެސްއޯއެފްގެ މައްސަލަ އަލުން ކޯޓްގައި ފަށަނީ

އެސްއޯއެފް ކުންފުނީގެ އަތުން 160 މިލިއަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރްސީއިން ސިވިލް ކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން އަލުން އެ މައްސަލަ ހުށަހަޅައިފި އެވެ. މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ އެމްއެމްޕީއާރްސީގެ ވަކީލް ކޯޓުގައި އޮތް އަޑުއެހުމަށް ހާޒިރުނުވާތީ އެވެ. އެމްއެމްޕީއާރްސީއިން ބުނެފައިވާ ގޮތުގައި ކޯޓަށް އެ ކުންފުނީގެ ވަކީލުންނަށް ހާޒިރުނުވެވުނީ އެހެން އޮފީހަކަށް ޗިޓް ފޮނުވާފައިވާތީ އަޑުއެހުން އޮންނަކަން ނޭނގި އޮތުމުން ކަމަށެވެ. ކުރިން ޗިޓް ފޮނުވަނީ އެމްއެމްޕީއާރްސީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި އެމްއެމްޕީއާރްސީއިން އެދިފައިވަނީ އެސްއޯއެފްއާއެކު އެމްއެމްޕީއާރްސީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 158 މިލިއަން ރުފިޔާ އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި 6.1 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ހޯދުމަށެވެ.

މީގެއިތުރުން ޑޮލަރުގެ މުއާމަލާތް ކުރުމަށް އެސްއޯއެފްއާއެކު އެމްއެމްޕީއާރުސީ އިން ވެފައިވާ އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން ވަނީ އެދިފަ އެވެ.

އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެސްއޯފް އަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭނާ މިހާރު އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. އޭނާ ހައްޔަރު ކުރަން އިންޓަޕޯލް ރެޑްނޯޓިސް ވެސް ނެރެފައިވެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބާއި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމް ވަނީ އިއްވާފަ އެވެ.