ދުނިޔެ

ނޫސްވެރިންނަކީ ފަސާދަވެފައިވާ ނިޒާމުގެ ބައިވެރިން: ޓްރަމްޕް

Feb 19, 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އެގައުމުގެ މީޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ބޮޑު ތާއީދެއް ލިބުނު ފްލޮރިޑާ ސްޓޭޓްގެ މެލްބަންގައި ބޭއްވި 'ކެމްޕެއިން' ޖަލްސާއެއްގައި ޓްރަމްޕް ވިދާޅުވީ އޭނާ އެ ޖަލްސާއަށް ވަޑައިގެންނެވީ 'ފޭކް ނިއުސް' މެދުވެރި ނުކޮށް ރައްޔިތުންނާ ވާހަކަ ދެއްކެވުމަށް ކަމަށެވެ.

" އެމީހުން (ނޫސްވެރިން) ވެފައި ވަނީ މައްސަލައިގެ ބޮޑު ބަޔަކަށް. އެމީހުންނަކީ ފަސާދަވެފައިވާ ނިޒާމުގެ ބައިވެރިން،" މެލްބަންގެ އެއާޕޯޓްގައި ބޭއްވި ޖަލްސާގައި ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީން ބުންޏެވެ.

ޓްރަމްޕަށް ސަޕޯޓްކުރާ 9،000 އެއްހާ މީހުންނާ މުހާތަބުކުރައްވައި އޭނާ ދެއްވި ތަގުރީރުގައި މުޅިން ވެސް މަސައްކަތް ކުރައްވާފައި ވަނީ އޭނާގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފެންމަތިވި މައްސަލަތަކަކީ މީޑިއާއިން ހަދަ ހަދައިގެން ދެއްކި ވާހަކަތަކެއް ކަމަށް މީހުންނަށް ވިސްނައިދެއްވުމަށެވެ. ދެން އޭނާ ތަކުރާރު ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި ވާހަކަތަކެވެ.

މީޑިއާއިން ދޮގު ހަދާ ކަމަށާއި އެކަމާ އަޅައި ނުލައްވައި ނުހުންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް އިއްޔެގެ ތަގުރީރުގައި ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފަ އެވެ.

"މީޑިއާއިން ރައްޔިތުންނަށް ދޮގު ހެދީމާ، އެމީހުން އެ ކަމައިގެން ކުރިއަށް ދިޔަކަ ނުދޭނަން. އެމީހުން އެކަމައިގެން ކުރިއަށް ދިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަހަރެން ކުރާނަން. އެމީހުންގެ އޮވޭ އަމިއްލަ އެޖެންޑާއެއް. އެމީހުންގެ އެޖެންޑާއަކީ ރައްޔިތުންގެ އެޖެންޑާއެއް ނޫން،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ކެމްޕޭން ދުވަސްވަރާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް މީޑިއާއާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ޓްރަމްޕް މިފަހަރު މާބޮޑަށް ކޯފާވީ އޭނާގެ ސެކިއުރިޓީ އެޑްވައިޒަރާ ރަޝިޔާއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކެއްގެ ވާހަކަ މީޑިއާއިން ފެންމަތިކޮށް، އެކަމުގެ ސަބަބުން އޭނާ އިސްތިއުފާދެއްވަން ޖެހިވަޑައިގަތުމުންނެވެ. އެކަމާ ކޯފާވެގެން ޓްރަމްޕް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްކޮންފަރެންސެއް ބާއްވަވައި މީޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.