އަނިޔާގައި ތިން މަސް ހޭދަ ކުރުމަށްފަހު، ރޭ ފުރަތަމަ ފަހަރަށް ކުޅެން ނިކުމެ އެސްޕަނެޔޯލްއާ ދެކޮޅަށް 2-0 ރެއާލް މޮޅުވި މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި ނަމަވެސް މިއީ އޭނާގެ އަސްލު ފޯމް ނޫން ކަމަށާއި 100 ޕަސަންޓް ފޯމަށް އެނބުރި އަންނަން އިތުރު ވަގުތު ބޭނުންވާ ކަމަށް ގެރެތު ބޭލް ބުނެފި އެވެ.
ބޭލްގެ ކުޑަހުޅަށް އަނިޔާވީ، ނޮވެމްބަރު މަހު ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި ޕޯޗްގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިދިޔަ ސީޒަނުން ފެށިގެން، ބަލި ނުވެ ރެއާލް ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައީވެސް، ސެވިއްޔާއާ ދެކޮޅަށް، ބޭލް ނުލައި ކުޅެން ޖެހުނު މެޗުގަ އެވެ.
ރޭ، ރެއާލްގެ ފުރަތަމަ ލަނޑު އަލްވާރޯ މޮރާޓާ ކާމިޔާބު ކުރީ، ފުރަތަމަ ހާފުގައި ބޮލުން ކާމިޔާބު ކުރި ލަނޑުން ނެވެ.
ބޭލް ކުޅެން ނިކުތީ މޮރާޓާގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ 71 ވަނަ މިނެޓްގަ އެވެ.
ބޭލް ލަނޑު ޖެހީ 83 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހުމުގައި އޭނާ ވަނީ، އޭނާގެ ހަލުވި ސްޕީޑްގެ ބޭނުން ކޮށްފަ އެވެ.
ނަމަވެސް ބޭލް ބުނީ، މިއީ އޭނާގެ އަސްލު ފޯމް ނޫން ކަމަށާއި އަސްލު ފޯމަށް އެނބުރި އަންނަން ހަފުތާ ތަކެއް ބޭނުންވާ ކަމަށެވެ.
"އަހަރެން އިތުރު ހަފުތާ ތަކެއް ނަގާނަން، ރިކަވަރީ ޕްރޮގްރާމް އިތުރަށް ފުރިހަމަ ކުރުމަށް، 100 ޕަސަންޓް ފިޓް ވަނީ އޭރުން،"
"ތިން މަސް ދުވަސްތެރޭ ރިކަވަރީ ވުމަށް އަހަންނަށް ބުރަ މަސައްކަތެއް ކުރެވިއްޖެ، އެނބުރި އައިސް، ޓީމު މޮޅު ކޮށްދޭން ގޯލެއް ޖަހައިދިނުމަކީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކަމެއް، ވަރަށް ހިތްހަމަ ޖެހޭ،" ބޭލް ބުންޏެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ބޭލް އެނބުރި އައުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި ނަމަވެސް އެންމެ އުފާވަނީ، ތިން މަސް ފަހުން، އެނބުރި އައިރުވެސް އޭނާގެ ކުރީގެ ފެންވަރު ދައްކައި ދިނުމުން ކަމަށެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބޭލް އަށް، ޒިދާން ފުރުސަތު ދިނީ، އޭނާއަށް މެޗު ފިޓްނަސް ހޯދައި ދިނުމަށެވެ.
"އަހަރެން ބުނީ އޭނާ ގާތު، ދަނޑަށް ނިކުމެ ކުޑަކޮށް އެންޖޯއި ކޮށްލާށޭ، ނަމަވެސް އެއަށްވުރެ މާބޮޑަށް އޭނާ މަސައްކަތް ކޮށްފި، އޭނާ އެއީ ވަރަށް ހާއްސަ ކުޅުންތެރިޔެއް،" ޒިދާން ބުންޏެވެ.
ރޭ، ރެއާލްގެ ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިނީ، އިސްކޯ އެވެ.
ޒިދާން ބުނީ، މުޅި މެޗުގައިވެސް އިސްކޯގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެއް ކަމަށާއި، އޭނާ ދިން އެސިސްޓަށް ވުރެ، މެޗުގައި އޭނާ އަށް ދެއްކި ކުޅުން ހާއްސަ ކަމަށެވެ.