ވިޔަފާރި

ގުޅިފަޅު ބަނދަރަށް ވެލި އެޅި ހިކިއްޖެ!

Feb 19, 2017
1
  • ގުޅިފަޅަށް، މުދާ ބާލައި، މީހުން އަރަން ދަތިކަން
  • ބަނދަރު ތިލަވާން ފެށީ ހަތަރު ވަރަކަށް މަސް ކުރިން
  • ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ގުދަންތައް ހުރޭ

ގިނަ އަދަދެއްގެ ގުދަންތައް ހުރި ގުޅިފަޅު ބަނދަރަށް ވެލި އެޅި ތިލަވެފައިވާތީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ބުނެ، ގުދަންތަކުގެ ވެރިން ކަންބޮޑު ވެއްޖެ އެވެ.

ސިނާއީ ގުދަން ތަކަށް ހާއްސަކޮށްފައިވާ ގުޅިފަޅުގައި މަސައްކަތް ކުރާ ބައެއް ވިޔަފާރިވެރިން "އަވަސް" އަށް ބުނި ގޮތުގައި ގުޅިފަޅުގެ ބަނދަރަށް ވެލި އެޅިތިލަވެފައިވާތީ، އެތަނަށް މުދާ އަރުވާ ބޮޑެތި ކައިރި ނުކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން މުދާ ބާލަން ޖެހެނީ ވަރަށް ބޮޑެތި ދަތިތަކުގައި ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މިތަނުގައި [ގުޅިފަޅު] ގައި 3-4 މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން މި ތިބީ. އެކަމަކު މިހާރު މުދާ ބާލަން ދަތި. އެހެންވެ ވަރަށް ބޮޑު ގެއްލުމެއްވޭ،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

އޭނާ ބުނީ ގުޅިފަޅަށް ވެލި އެޅި ތިލަވާން ފެށިތާ ހަތަރު ވަރަކަށް މަސް ވެފައިވާ ކަމަށާއި، އެ މައްސަލަ ގުޅިފަޅު ކޯޕަރޭޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

"ގުޅިފަޅު ކޯޕަރޭޝަނުން ބުނެފައިވަނީ އެމީހުން ހަވާލުވީތާ އަދި މާގިނަ ދުވަސް ނުވާކަމަށް،" ވިޔަފާރިވެރިޔާ ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނީ ގުޅިފަޅުގައި ގިނަ ގުދަންތައް ހުރިއިރު، އެ ފަޅަށް ދޯންޏެއް ކައިރި ކުރަން ވެސް މިހާރު ދަތިވެފައިވާ ކަމަށެވެ.

"މުދާ ބާލަން އެކަންޏެއް ނޫން. މީހުން ބާލާ ފެރީއެއް ވެސް މިހާރު އެ ބަނދަރަށް ކައިރިއެއް ނުކުރެވޭ މިހާރު. އެހެންވެ ވަރަށް ބޮޑަށް ދަތިވޭ،" އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ ބުނީ މި މައްސަލަ ދިމާވަނީ ގުޅިފަޅުގައި ތޮށި ނުލައި ހުރުމުގެ ސަބަބުން، ވެލިގަނޑު ދެމިގެން ގޮސް ބަނދަަރަށް އެޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

"މި މައްސަލަ ދިމާވުމުން މިހާރު މުދާ ބާލަން ޖެހެނީ އެމްޑަބްލިއުއެސްސީ އިން ހަދާފައިވާ ކުޑަކުޑަ ތަންކޮޅަކަށް. ކޮނޑުމަތީގައި މުދާ ބާލަން ޖެހުމުން ދޯނި ހުސްވާ ދުވަސް ގިނަވޭ. މީގެ ސަބަބުން ލޭވަ ކޮސްޓް މަތިވޭ. މިއީ ބޮޑު ގެއްލުމެއް،" ވިޔަފާރިވެރިޔާ ބުންޏެވެ.

ގުޅިފަޅު ބަނދަރަށް ވެލިއެޅި ހިކެމުންދާ މައްސަލާގައި، ގުޅިފަޅު ކޯޕަރޭޝަންގެ ބައެއް "އަވަސް" ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީހުން އާބާދު ކުރުމަށް ހިއްކާފައިވާ ރަށެވެ. "ދަ އައި އޮފް މޯލްޑިވްސް" ގެ ނަމުގައި މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ އެވެ. ނަމަވެސް މިރަށުގައި ފްލެޓު އަޅަން ހަވާލުކޮށް، އެ ކުންފުނީގެ މަސައްކަތް ލަސްވެ، ފްލެޓަށް ލާރި ދެއްކި މީހުންގެ ޝަކުވާ ބޮޑުވުމުން ސަރުކާރުން ވަނީ މި ރަށް އެ ކުންފުނީގެ އަތުން މިދިޔަ އަހަރު ނަގައި ގުޅިފަޅު ކޯޕަރޭޝަންއާ ހަވާލުކޮށްފަ އެވެ. އަދި އެރަށަކީ ސިނާއީ މަސައްކަތްތަކަށް ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.