ކުޅިވަރު

ޕޮގްބާގެ ދުނިޔޭގެ ރެކޯޑް އަގު، ކުޑަ އަގަކަށްވާ ދުވަސް ކައިރީގައި

Feb 19, 2017

މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ގަބޫލު ކުރާ ގޮތުގައި، ކުޅުންތެރިންގެ ޓްރާންސްފާ ގައިވެސް، އިންފްލޭޝަން މަތިވެ. ޕޮގްބާ ގެންދަން، ޔުނައިޓަޑުން ހޭދަ ކުރި ދުނިޔޭގެ ރެކޯޑް ފީ 89 މިލިއަން ޕައުންޑަކީ، ކުޑަ އަގަކަށް ވާ ދުވަސް އޮތީ ދާދި ގާތުގަ އެވެ.

މޮރީނިއޯ ބުނީ، ޕޮގްބާ އަށް ހުށަހެޅި 89 މިލިއަން ޕައުންޑަކީ، ޕޮގްބާ އަށް އެކަށީގެންވާ އަގެއް ކަމަށެވެ.

"އަހަންނަށް ޔަގީން، އަންނަ ހޫނު މުސުމުގެ ޓްރާންސްފާގައި، ޕޮގްބާއަށް ލިބިފައިވާ ހުނަރުގެ ދެ ބައި ކުޅަ އެއްބައި ހުނަރު ހުރި ކުޅުންތެރިންގެ އަގު، މިހާރު ޕޮގްބާ އަށް ހުށަހެޅި އަގާ އެއްވަރު އަގެއް ހުށަހަޅާނެ" މޮރީނިއޯ ބުންޏެވެ.

"އަހަރެން މަޑުކޮށްގެން މިހުރީ ޕޮގްބާ އަށް ހުށަހެޅި އަގު އޭނާ އަށް ހައްގު ކަން ސާބިތު ކޮށްދޭން، މިވަގުތު އޭނާ ދަނީ ވަރަށް ރަނގަޅަށް ކުޅެމުން، އެއީ އާންމުކޮށް ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެއް، ބައެއް ފަހަރު ތަންކޮޅެއް ދަށް ކޮށް ދިޔައީމަ މީހުން ހީކުރަނީ އެއީ އޭނާގެ އާންމު ފެންވަރޭ،"

"އޭނާ މި ޓީމުގައި ދައްކާ ކުޅުމާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އޭނާ ދަނީ މި ޓީމަށް އާދަޔާ ހިލާފަށް ބެލެންސް ގެނެސް ދެމުން، އެނާ އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިޔެއް، ...ކުރިއަށް އޮތް އަހަރުތަކުތެރޭ، މީހުންނަށް އިހްސާސް ކުރެވޭނެ އޭނާ އަށް ހުށަހެޅި އަގަކީވެސް ކުޑަ އަގެއް ކަން،" މޮރީނިއޮ ބުންޏެވެ.

މޮރީނިއޯ ބުނީ، މީގެ 25 އަހަރު ކުރިން އެންމެ މޮޅު ކުޅުންތެރިޔާގެ އަގަކީ 25 މިލިއަން ކަމަށާއި ނަމަވެސް އަގުތަކަށް ބަދަލު އައިސް، 25 މިލިއަން ޕައުންޑަށް އެންމެ އާދައިގެ ކުޅުންތެރިޔެއްވެސް ނުލިބޭ ކަމަށެވެ.