ވިޔަފާރި

އައްޑޫގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތަކާއި ވަޒީފާތައް އިތުރުކުރަނީ

Feb 19, 2017
1
  • ވަޒީފާތައް 80 އަށް އިތުރު ކުރާނެ
  • އައްޑޫގައި ހިދުމަތް ފުޅާކުރުމަކީ ކުރިއެރުމެއް
  • އައްޑޫގެ ބްރާންޗްތަކަށް އިތުރު އިންވެސްޓްމަންޓް

އައްޑޫ ސިޓީގައި ގައުމީ ބޭންކް، ބީއެމްއެލްގެ ވަޒީފާތައް ދެގުނައަށް އިތުރުކޮށް، އެ ސިޓީގައި އެ ބޭންކުން އިތުރު އިންވެސްޓްމަންޓްތައް ކުރާނެކަން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލްއިން އެގޮތަށް އިއުލާން ކުރީ މިއަދު އައްޑޫސިޓީގައި އަލަށް ހުޅުވި އެ ބޭންކްގެ ޒަމާނީ، ކޯލް ސެންޓަރު ނޫނީ، ކޮންޓެކްޓް ސެންޓަރާއި ބީއެމްއެލް އިން ހިތަދޫ އަދި ގަމުގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އެވެ.

ގަން ބްރާންޗްގައި ހުންނަވާ ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކުރެވުމަކީ އެ ބޭންކްގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކާމިޔާބެއް ކަމަށެވެ. އަދި އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް އިތުރުކުރަމުންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު އިންވެސްޓްމަންޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިތުރު އިންވެސްޓްމެންޓްތައް އަޅުގަނޑުމެން ކުރާނަން،" އެންޑްރޫ ވިދާޅުވި އެވެ. އެގޮތުން، އައްޑޫގައި ތިބި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު ޖުމްލަ 80 އަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީގައި ބީއެމްއެލްގެ ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.