ބޮލީވުޑް

ސާރާ ބޮލީވުޑަށް ނިކުންނަނީ ކަރަންގެ ފިލްމަކުން

Feb 20, 2017

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ ޚާން ބޮލީވުޑަށް ނިކުންނަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު، ސާރާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން އޭނާގެ ބައްޕަ ސައިފް މިވަނީ ޔަގީންކޮށްދީފަ އެވެ.

ސައިފް ބޮލީވުޑްގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ސާރާ ބޮލީވުޑަށް ނިކުންނަނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުޑައިގެ ދަށުން ކަމަށް ބުނެފަ އެވެ.

ސައިފް ވަނީ މުޅިން އަލަށް ބޮލީވުޑަށް ތައާރަފުވާ ތަރިންނަށް މިދާއިރާއަށް ނިކުންނަން އެންމެ ރަނގަޅު ޑައިރެކްޓަރަކީ ކަރަން ކަމަށާއި ސާރާ ވެސް ކަރަންގެ ބެލުމުގެ ދަށުން ފިލްމީ ދާއިރާއަށް ނިކުންނަން ނިންމީތީ އޭނާ އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި ކަރަން އަކީ މިދާއިރާ އަށް އާ މޫނުތައް ތައާރަފުކުރަން އެންމެ ކުޅަދާނަ ޑައިރެކްޓަރު ކަމަށް ވެސް ބުނެފައިވެ އެވެ.

"ކަރަން އަކީ ވަރަށް މޮޅު، ފިލްމުތަކުގެ ކަންތައްތައް އިނގޭ ޑައިރެކްޓަރެއް. އަހަރެން ވަރަށް އުފާވޭ ސާރާ ކަރަން އާއެކު މަސައްކަތްކުރަން ނިންމީތީ" ސައިފް ބުނެފައިވެ އެވެ.

ސައިފް އިތުރަށް ވަނީ ސާރާ ފިލްމީ ތަރިއަކަށް ވާން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އޭނާ އެންމެ ކުރަން ބޭނުންވާ ކަންތައް ކުރާތީ އުފާވާ ކަމަށެވެ.

ސާރާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަކަން ސައިފް ޔަގީންކޮށްދީފައިވާއިރު، އޭނާގެ ފުރަތަމަ ފިލްމަކީ ކަރަންގެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ކަމަށް އަންނަނީ ބުނަމުންނެވެ. މި ފިލްމުގައި ސާރާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގެ އިތުރުން ކަރަން އުފައްދަން ނިންމާފައިވާ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރީމޭކް ނުވަތަ މަރާތީ ފިލްމު "ސައިރަތް" ގެ ހިންދީ ރިމޭކުގެ ލީޑްރޯލު ވެސް ސާރާ އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ކަރަން އަކީ ސާރާގެ ދޮން މަންމަ، މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ އަކީ ވެސް ކަރަންގެ ބެލުމުގެ ދަށުން ބޮލީވުޑަށް ނިކުތް ތިން ތަރިންނެވެ.