ބޮލީވުޑް

އަކްޝޭ އާއި ރިތިކް އެކުގައި ފިލްމެއް ކުޅެނީ؟

Feb 20, 2017

ދެ ބަތަލުންގެ ފިލްމު ނުވަތަ ޓޫ ހީރޯ ފިލްމު ތަކަކީ ނުވަދިހައިގެ ފަހުކޮޅު އާއި ދެހާހުގެ ކުރީކޮޅު ބޮލީވުޑްގައި ރަސްކަން ކުރި ކަހަލަ ފިލްމުތަކެވެ. އެ ދުވަސްވަރު މަޝްހޫރު ދެ ބަތަލުން ހިމެނޭ ފިލްމުތައް އިންތިހާ އަށް ރިލީޒްވިއިރު، ދެހާހުގެ މެދުތެރެއިން ފެށިގެން އެ ޓްރެންޑް ވަނީ ބޮލީވުޑުން އެކުގައި ނެތިގެން ގޮސްފަ އެވެ. އެއާ ހިލާފަށް މިފަހަކުން މުޅީން ވެސް ފެނިގެންދިޔައީ ދެ ބަތަލާއިންގެ ފިލްމުތަކެވެ.

ނަމަވެސް މި ހުކުރު ދުވަހު ރިލީޒްކުރާ ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާން ލީޑްރޯލުން ފެނިގެންދާ "ރަންގޫން" އާއި މިހާރު ޝޫޓިން ކުރިއަށްދާ ޝާހިދު ކަޕޫރާއި ރަންވީރު ސިންގް ލީޑްރޯލު ތަކުން ފެނިގެންދާ "ޕަދްމާވަތީ" އާއެކު ދެ ބަތަލުންގެ ފިލްމުތައް އަލުން ބޮލީވުޑަށް އަންނަން އުޅޭ ކަމުގެ މަލަމަތި އަންނަނީ ފެންނަމުންނެވެ.

އެގޮތުން ބޮލީވުޑް މަޝްހޫރު ދެތަރިން ކަމަށްވާ އަކްޝޭ ކުމާރު އާއި ރިތިކް ރޯޝަން އެކުގައި ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

މީގެކުރިން އެކުގައި ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން މިދެތަރިން ފާޅުކޮށްފައިވާއިރު، މިފަހުން އަކްޝޭ އާއި ރިތިކް ވަނީ ދެ ބަތަލުން ލީޑްރޯލުން ފެނިގެންދާ ފިލްމެއްގެ ސްކްރިޕްޓް ކިޔާފަ އެވެ.

އޭ ލިސްޓުގެ ތަރިން ދެބަތަލުން ނުވަތަ ދެބަތަލާއިން ފެނިގެންދާ ފިލްމުތަކަށް ނޫނެކޭ ބުނަނީ އާންމުކޮށް ދެ ތަރިން ކުޅޭ ޖެހޭ ރޯލު ތަފާތުވެ، ދެ ރޯލަށް ވެސް އެއްވަރެއްގެ ސްކްރީން ޓައިމް ނުލިބޭތީ އެވެ. ނަމަވެސް ރިތިކް އާއި އަކްޝޭ އަށް ހުށަހެޅުން ލިބިފައިވާ ފިލްމުގައި އެ ދެމީހުން ކުޅުމަށް ހަމަޖެހިފައިވަނީ އެއް ވަރެއްގެ ރޯލެއް ކަމަށްވެ އެވެ.

ބޮލީވުޑްގައި އަކްޝޭ އާއި ރިތިކް ހަރަކާތްތެރިވަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު، މިދެތަރިންނަކީ އަވަށްޓެރިންނަށް ވުމުގެ އިތުރުން ވަރަށް ގާތް ދެރަހުމަށްތެރިންނެވެ.

މިދެތަރިންގެ ދެމެދުގައި ވަރުގަދަ އެކުވެރިކަމެއް އޮތް ކަމުގެ މިސާލަކީ އަކްޝޭގެ "ރުސްތޮމް" އާއި ރިތިކްގެ "މޮހެންޖޯ ޑަރޯ" އެއް ދުވަހެއްގައި މިދިޔަ އަހަރު ރިލީޒްވެ، ބޮކްސް އޮފީހުގައި "ރުސްތޮމް" އާ ވާދަކޮށް ރިތިކްގެ ފިލްމު ފްލޮޕްވި ނަމަވެސް އެ ބޮޑު ކުރިމަތި ލިމުގެ ސަބަބުން ދެތަރިން ދެމެދުގައި އެއްވެސް އަރާރުމެއް އުފެދިފައެއްނުވެ އެވެ.

އެކަކު އަނެކަކާ އެކު ފިލްމު ކުޅެން ދެތަރިންގެ މިހާރު އެއްވެސް މައްސަލައެއް ނެތްއިރު، އެމީހުންނަށް ހުށަހެޅުން ލިބިފައިވާ ފިލްމާ ގުޅޭގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

އެއްވަރެއްގެ މަޝްހޫރު ބޮޑު ދެތަރިއަކު ހިމަނައިގެން ފިލްމެއް އުފައްދަން ޕްރޮޑިއުސަރުން ބިރުގަންނަ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުން ފިލްމު ކުޅެދޭން ކިޔާ ބޮޑެތި އަގުތަކެވެ. އަކްޝޭ އާއި ރިތިކްގެ އެކުގައި ފިލްމެއްގެ ލީޑްރޯލުގައި ހިމަނަން ހަމަޔަގީނުން ވެސް ޕްރޮޑިއުސަރުން ބިރުގަންނާނެ އެވެ.