ދުނިޔެ

ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކިއިރު ނާށިގަނޑު ތެރޭގައި ކުރަތްޕެއް

ދަންނަވަރު ކުއްލިއަކަށް ހޭލައްވައިލި ބޮލު ރިހުމަކީ އާދައިގެ ކަމެއް ނޫންކަން އަންހެންމީހާއަށް އެނގުނެވެ. އެއީ ދިލަނެގުމަކާއި ކެހުމެއް އެކުލެވޭ ރިހުމެކެވެ.
އޭނާއަށް ވިސްނުނީ ރަނގަޅަށެވެ. ހޮސްޕިޓަލަށް ދިއުމުން އޭނާގެ ބޮލުގެ ނާށިގަނޑުގެ ތެރެއިން ޑޮކްޓަރުން ނެގީ ބޮޑުމިނުގައި ގާތްގަނޑަކަށް އިންޗިއެއްހާތަން ހުރި ދިރޭ ކުރަތްޕެކެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ ކައިރީގައިވާ އަވަށެއްގައި އުޅޭ އުމުރުން 42 އަހަރުގެ އެ އަންހެންމީހާއަށް ފަރުވާ ދިނީ ސްޓޭންލީ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައެވެ.

ޑޮކްޓަރު ގާތުގައި އޭނާ ބުނީ ވަރަށް ގަދައަށް ބޮލުގައި ރިއްސާ ކަމަށާއި ނޭވާލާން އުނދަގޫ ކަމަށެވެ. އެކަމުގެ ސަބަބު ދެނެގަތުމަށް ކުރި ޑޮކްޓަރު ކުރެއްވި މަސައްކަތުގައި އެންޑޯސްކޮޕީ ހައްދަވައިގެން ނޭފަތުގެ އެތެރެ ބެލިއެވެ. އެންޑޯސް ކޮޕީ ހެދި އިރު ފުރަތަމަ އެއްވެސް އެއްޗެއް ނުފެނެއެވެ. ދެން ފެނުނީ ކޮންމެވެސް ބާވަތެއްގެ ދިރޭ އެއްޗެއްގެ ފައިތަކެވެ.
" އަހަރެމެންނަކަށް (ފުރަތަމަ) ނޭނގޭ އެއީ ކޮން އެއްޗެއް ކަމެއް. އެއީ މާބުރެއް ނުވަތަ އެނޫންވެސް ސޫއްޕެއް ކަމެއްވެސް ނޭނގޭ. އަހަރެމެންނަށް ޖެހުނީ އޭތި ދަމައި ނެރެން،" ސްޓޭންލީ މެޑިކަލް ކޮލެޖްގެ އީއެންޓީ ޑިޕާޓްމަންޓްގެ ވެރިޔާ ޕްރޮފެސާ އެމްއެން ޝަންކަރު ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.

އަންހެން މީހާގެ ނޭފަތުގެ ތެރެއިން ލާފައި ވަދެ އިން ކުރަފި ނެރެވުނީ ޕްރޮފެސަރް ޝަންކަރާއި އޭނާގެ ޓީމުން ސަކްޝަން މެޝިނަކާއި ފޯސެޕްސް ބޭނުންކޮށްގެން 45 މިނަޓް ކުރި މަސައްކަތުންނެވެ.

"ކުރަފި ހާލި ހަދައިގެން އިނީ ނޭފަތުގެ އެންމެ އެތެރޭގައި ބޮލުގެ ނާށިގަނޑުގެ ފުލުގެ ކައިރީގައި. އެއީ ނޭފަތާއި ސިކުނޑިއާއި ދެމެދު ވަކިވާ ހިސާބު. މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް،" ޕްރޮފެސަރް ޝަންކަރު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެއީ ވަރަށް ނުރައްކާތެރިވެސް ކަމަށެވެ. އެގޮތުން ކުރަފި އެތަނުން ނުނެގި ގިނައިރުވި ނަމަ އޭތި މަރުވެ، އިންފެޖްޝަނެއް އުފެދުނީސް ކަމަށާއި އެފަދަ އިންފެކްޝަނެއް ހަށިގަނޑަށް ފެތުރިއްޖެ ނަމަ އަންހެންމީހާ މަރުވީސް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ސްޓޭންލީ މެޑިކަލް ކޮލެޖްގެ ޑޮކްޓަރުން ވަނީ މީހުންގެ ހަށިގަނޑުން ފަންޏާއި އެހެނިހެން ސޫފިތައް މީގެ ކުރިން ވެސް ނަގާފައެވެ. ނަމަވެސް ކުރަތްޕެއް ނެގި މިއީ ފުރަތަމަ ފަހަރެވެ. -ސީއެންއެން