ދުނިޔެ

އދ. ގައި ހުންނަަ ރަޝިޔާ ސަފީރު ކުއްލިގޮތަކަށް އަވަހާރަވެއްޖެ

Feb 21, 2017

ރަޝަން ފެޑެރޭޝަނުން ޔުނައިޓެޑް އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވިޓަލީ ޗާކިން އެމެރިކާގެ ނިއުޔޯކްގައި ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.

ޗާކިން އަވަހާރަވިކަން އިއުލާން ކުރެއްވީ އދ. ގެ ސެކިއުރިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޗާކިންގެ ނައިބު ޕެޓްރި ލިޗޭވް އެވެ. ޗާކިން އަވަހާރަވުމުން ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ނެރުނު އިއްޔެ ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެ، އާއިލާއަށާއި ރަޝިޔާގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާ ކަމަށެވެ.

ޗާކިން އަކީ ރަޝިޔާގެ ޑިޕްލޮމޭޓެއްގެ ގޮތުގައި 40 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން 10 އަހަރު އޭނާ މަސައްކަތްކުރައްވާފައި ވަނީ ރަޝިޔާއިން ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ކަމުގެ މަގާމެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 65 އަހަރުވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ޗާކިން ނޫހަކަށް ދެއްވި އެންމެ ފަހު އިންޓަވިއު ދެއްވާފައި ވަނީ ރަޝިޔާގެ "ރަޝިޔާ ޓްޑޭ' ނޫހަށެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ ޑިޕްލޮމެޓިކް މަގާމުތަކަކީ އުނދަގޫ މަގާމުތަކެއް ކަމަށާއި އެއީ ހާސްކަން ބޮޑު މަސައްކަތެއް ކަމަށެވެ.

"ގައުމެއްގެ ޑިޕްލޮމޭޓެއްގެ ހަޔާތުގައި އަންނާނެ އުނދަގޫ ވަގުތުތައް. އަހަރެމެން މިހާރު މިތިބީ އެފަދަ އުނދަގޫ ވަގުތެއްގައި،" ޗާކިން އެންމެ ފަހުން ދެއްވި އިންޓަވިއުގައި ވިދާޅުވި ކަމަށް ރަޝިޔާ ޓްޑޭ ނޫހުގެ ހަބަރުގައި ވެއެވެ.