ޔާރާ ޕްރޮޑަކްޝަންއިން ނެރޭ "ވިޝްކާ" ފިލްމުގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑުގެ "ކަމަނަ" ހަމަޖައްސައިިފި އެވެ.
އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން މަޝްހޫރު ފިލްމީ ތަރި، އައިޝަތު ރިޝްމީ އެވެ. އަދި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު އެވެ.
ސޮއިކުރުމަށްފަހު، ނިއުޝާދު ވިދާޅުވީ އެލައިޑުން "ވިޝްކާ" ގެ ޕާޓްނަރަކަށްވީ، އެ ސްޓޫޑިއޯއިން ރަނގަޅު ހުށަހެޅުމެއް ލިބުމުން ކަމަށެވެ. އަދި މި ހުށަހެޅުމާއެކު ވިޝްކާ ޕްރޮމޯޓްކުރާއިރު، އެލައިޑުގެ ކަމަނަ އިންޝުއަރެންސް ވެސް ޕްރޮމޯޓް ކުރާނެ ކަމަށެވެ.

"ވިޝްކާއަކީ އަންހެން ކުއްޖަކާ ގުޅުންހުރި ފިލްމެއް. އަދި ކަމަނައަކީ އެލައިޑުން އަންހެން ބޭފުޅުންނަށް ހާއްސަކޮށް ނެރެފައިވާ އިންޝުއަރެންސެއް. އެހެންވެ މިދެބައި ގުޅޭ،" ނިއުޝާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ މައިގަނޑު އަނެއް ބޭނުމަކީ ފިލްމީ ދާއިރާއަށް އެހީތެރިކަމެއް ދިނުން ކަމަށެވެ.
"ރާއްޖޭގައި މިއީ އާކަމެއް. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ފިލްމީ ދާއިރާއަށް އެހީތެރިކަމެއް ދޭން. މިހެންވެ މި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ،" ނިއުޝާދު ވިދާޅުވި އެވެ.
ޔާރާ ޕްރޮޑަކްޝަންގެ ވެރިޔާ، ރިޝްމީ ބުނީ އެލައިޑުގެ ކަމަނަ އިންޝުއަރެންސަކީ އަންހެންނަށް ހާއްސަ އިންޝުއަރެންސެއް ކަމަށާ، މި ފިލްމުގެ ޕާޓްނަރެއްގެ ގޮތުގައި ހުށަހެޅީ އެހެންވެ ކަމަށެވެ.

"މަންމައެއްގެ ގޮތުގައި ޕާސަނަލީވެސް އަޅުގަނޑަކަށް ވަރަށް ކަމުދާ އިންޝުއަރެންސެއް 'ކަމަނަ' އަކީ،" ރިޝްމީ ބުންޏެވެ.
އެލައިޑުން ނެރެފައިވާ "ކަމަނަ" އިންޝުއަރެންސަކީ އަންހެންނަށް ލިބޭ ގެއްލުތަކަށް ބަދަލު ނަގައިދޭ އިންޝުއަރެންސް ޕްރޮޑަކްޓެކެވެ.