ބޮލީވުޑް

"ޓޮއިލެޓް" ގެ ޝޫޓިން ނިންމައި، ޖޫން މަހު ރިލީޒްކުރަނީ

Feb 22, 2017

މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭރްކަރް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައު ޝޫޓިން ފެށި ފިލްމު، "ޓޮއިލެޓް: އެކް ޕްރޭމް ކަތާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އިންޑިއާގެ ސާފުތާހިރުކަން އިތުރުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕެއިނާ ގުޅުވައިގެން ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގް އުފައްދާ މި ފިލްމު އަންނަ ޖޫންގައި ރިލީޒްކުރާނެކަން ވެސް ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކުރަމުން އަކްޝޭ ކުރި ޓްވީޓެއްގައިވެ އެވެ.

މި ފިލްމުގެ މަންޒަރެއްގައި އަކްޝޭ އާއި ބޫމީ ކައިވެނީގެ ރަސްމިއްޔާތަކަށް ހެދުން އަޅައިގެން ތިބެނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ކުރި ޓްވީޓުގައި އަކްޝޭ ވަނީ ފިލްމުގެ ޝޫޓިން ނިމިފައިވާ ކަމަށާއި ކޭޝަވް (އަކްޝޭ ކުޅެފައިވާ ރޯލު) އަދި ޖާޔާ (ބޫމީ) ގެ އާދަޔާ ހިލާފު ލޯބީގެ ވާހަކަ ބެލުންތެރިންނާ ހަމައަށް ޖޫން މަހުގެ 2 ވަނަ ދުވަހު އަންނާނެ ކަމަށް ބުނެފަ އެވެ.

"ޓޮއިލެޓް" އަކީ މީގެކުރިން އެންމެ ފިލްމަކުން ފެނިގެން ގޮސްފައިވާ ބޫމީ އަކްޝޭ އާއެކު ފެނިގެންދާ އަދި އޭނާގެ ދެވަނަ ފިލްމެވެ.

އަކްޝޭގެ ދެން ރިލީޒްވުމަށް ހަމަޖެހިފައިވާ ފިލްމުގެ ގޮތުގައި އޮތް "ޓޮއިލެޓް" ގެ ޝޫޓިން ފެށިތަނާ ފިލްމުގެ ނަން މަޖާވެގެން ވަރަށް ގިނަބަޔަކު ވަނީ މި ފިލްމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކާފަ އެވެ. މި ފިލްމަކީ އިންޑިއާގައި ދިމާވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން އިންޑިއާގައި އަލަށް ކައިވެނިކޮށްގެން ފިރިމީހާގެ ގޭގައި ދިރިއުޅެންދާ އަންހެންކުދިންގެ ތެރެއިން ގިނަކުދިން އެގޭގައި ފާހާނާގެ ދަތިކަން ބޮޑުކަމުން އަނބުރާ ގެއަށްދާއިރު، މިފިލްމުގައި ވެސް ފެނިގެންދާނީ އެފަދަ ހާދިސާއެއް ކަމަށްވެ އެވެ.

އިންޑިއާގެ ރަށްފުށުގެ ގިނަ ސަރަހައްދުތަކެއްގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝްރީ މުޅިން އަލަށް ޑައިރެކްޓްކުރި ފިލްމެކެވެ.