ބޮލީވުޑް

މަނީޝާ އަންހެން ކުއްޖަކު އެޑޮޕްޓްކުރަނީ

Feb 22, 2017

ނުވަދިހައިގެ ތެރޭގައި އެންމެ ވިދާލި އެއް ބަތަލާ، މަނީޝާ ކޮއިރަލާ އޭނާގެ އަލަތު ކައިވެންޏާއެކު ބޮލީވުޑުން ގެއްލުނު ނަމަވެސް އޭނާ އަންނަނީ އަލުން ފިލްމުތަކުގައި ޖާދޫ ދައްކަން ތައްޔާރުވަމުންނެވެ.

ދެހާސް ތޭރަވަނަ އަހަރު ކެންސަރަށް ފަރުވާ ހޯދަމުންދާކަން ހާމަކުރުމަށްފަހު އޭގެ ދެއަހަރު ފަހުން، 2015 ވަނަ އަހަރު މަނީޝާ ވަނީ ކެންސަރު ބަލި މުޅީން ފަސޭހަވެފައިވާ ކަމަށް ބުނެފަ އެވެ.

ކެންސަރު ބަލި ފަސޭހަ ވިތާ ފަސް އަހަރު ފަހުން މަނީޝާ އަލުން ފިލްމު ކުޅެން ތައްޔާރުވަމުން އަންނައިރު، މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ މަންމަ، ނަރްގިސް ދަތުގެ ރޯލު ކުޅުމަށް މަނީޝާ ވަނީ ހަމަޖައްސާފަ އެވެ.

އަލުން ފިލްމީ ދުނިޔެއަށް އަންނަން ތައްޔާރުވުމުގެ އިތުރުން މަނީޝާ އަންނަނީ ހަޔާތުގައި ވެސް މުޅިންއާ ބާބެއް ފަށަން ތައްޔާރުވަމުންނެވެ.

މަނީޝާ މިފަހުން ބޮލީވުޑްގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ ވަރަށް އަވަހަށް ކުޑަ އަންހެން ކުއްޖަކު އެޑޮޕްޓްކުރާނެ ކަމަށް ބުނެފަ އެވެ.

"ކުޑަ އަންހެން ކުއްޖަކު އެޑޮޕްޓްކުރަން ނިންމައިގެން މިހުރީ. އަހަރެން އުންމީދުކުރަނީ ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅަށް ދިއުމަށް. އަހަރެންނަށް ކުއްޖަކު ލިބޭ ދުވަހުން ފެށިގެން އެކުއްޖާ އަށް ވަރަށް އަޅާލައި ލޯބި ދޭނަން." މަނީޝާ ބުނެފައިވެ އެވެ.

މީގެއިތުރުން މަނީޝާ ވަނީ އޭނާގެ ހަޔާތަށް އިތުރު މެހެމާނަކު އަންނަން އުޅޭތީ އެކަމާ ވަަރަށް އުފާކުރާ ކަމަށާއި އޭނާ މިހާރު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ އެ ދުވަހަކަށް ކަމަށް ބުނެފަ އެވެ.

ކުއްޖަކު އެޑޮޕްޓްކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން މަނީޝާ ވަނީ އޭނާ އެޑޮޕްޓްކުރާ ކުއްޖަކަށް އެންމެ ބޮޑަށް ދަސްކޮށްދޭން ބޭނުންވަނީ ރަނގަޅު އަހްލާގް ކަމަށެވެ. އަދި އޭނާ އަށް ދިރިއުޅުމުގައި ދަސްވެ، ތަޖުރިބާކުރެވުނު އެންމެހާ ކަންތައްތަ ބަަލައި އެކުއްޖާ އެންމެ ރަނގަަޅަށް ތަރުބިއްޔަތު ކުރާނެ ކަމަށެވެ. އަދި ކޮންމެ ކަމަކަށް ވެސް ޝުކުރުވެރިވާން އެކުއްޖަކަށް ދަސްކޮށްދޭނެ ކަމަށް ވެސް މަނީޝާ ވަނީ ބުނެފަ އެވެ.

މަނީޝާ ވަނީ 2010 ވަނަ އަހަރު ނޭޕާލަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ސަމްރާތް ދަހަލް އާ ކައިވެނިކޮށްފަ އެވެ. ނަމަވެސް ކައިވެނިކުރިތާ ދެ އަހަރު ފަހުން 2012 ވަނަ މަނީޝާ އާއި ސަމްރާތް ވަނީ ވަރިވެފަ އެވެ.

މަނީޝާ ސަންޖޭގެ މަންމަގެ ރޯލުން ފެނިގެންދާ ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރެވެ. ރަންބީރު ވަނީ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބަރުދަން އިތުރުކޮށް ސިފަޔަށް ވެސް ބޮޑު ބަދަލެއް ގެނެސްފަ އެވެ.