ބޮލީވުޑް

"ރަންގޫން" އަޅުވާނީ 40 މިނިޓް ކަނޑާފައި

Feb 22, 2017

ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ހެއިދަރް" އަށް ފަހު މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރްދްވާޖް ޑައިރެކްޓްކުރި ފިލްމު "ރަންގޫން" ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.

ތާރީހީ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޝާހިދު ކަޕޫރާއި ކަންގަނާ ރަނާވަތު އަދި ސައިފް އަލީ ޚާން އެވެ.

ފިލްމުގެ އެންމެފަހުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އަވަދިނެތި ތިން ތަރިން ވެސް ހަރަކާތްތެރިވަމުން އަންނައިރު، މިހާރު އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަނީ މި ފިލްމު ރިލީޒްވާނެ ދުވަހަކަށެވެ.

ކާމިޔާބު ތިން ތަރިން ކަމަށްވާ ޝާހިދު އާއި ކަންގަނާ އަދި ސައިފް "ރަންގޫން" ގައި ދައްކާލާނެ ޖާދޫ ބަލައިލަން ބެލުންތެރިން ކެތްމަދުވެފައި ތިބިއިރު، އެންމެފަހު ވަގުތު ފިލްމު އުފައްދި ފަރާތުން އެވަނީ ފިލްމުގެ ގާތްގަނޑަކަށް 40 މިނިޓް އުނިކުރަން ނިންމާފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ވިޝާލް އާއި ޕްރޮޑިއުސަރުން ކަމަށްވާ ސާޖިދް ނަޑިއަޑްވާލާ އަދި ވިއަކޮމް 18 އިން ވަނީ ފިލްމު މާ ބޮޑަށް ދިގު ވާތީ 40 މިނިޓް ފިލްމުން އުނިކޮށް، ފިލްމު ކުރުކުރަން ނިންމާފަ އެވެ.

އެގޮތުން މީގެކުރިން ދެ ގަޑިއިރާއި 47 މިނިޓުގެ ދިގުމިނަށް ހަދާފައިވާ މި ފިލްމުން 40 މިނިޓް އުނިކޮށް މިހާރު ވަނީ ފިލްމުގެ ދިގުމިން ދެ ގަޑިއިރާއި 7 މިނިޓަށް ފައްތާފަ އެވެ.

ފިލްމުގެ ދިގުމިނުން މިހާ ގިނަ ވަގުތުތަކެއް ދުއްވާލަން އުފެއްދި ފަރާތުން ނިންމާފައިވަނީ މި ފިލްމަކީ ހުރިހާ އެންމެނަށް ވެސް ބަލައިލެވޭނެ އަދި ވަކިން ހާއްސަކޮށް ޒުވާނުންނާ ގުޅޭގޮތަށް ފިލްމު ބައްޓަން ކުރަން ވެގެންނެވެ.

މި ފިލްމުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މި ފިލްމު މިހާތަނަށް ދެއްކި ހުރިހާ އެންމެނަށް ވެސް ވަނީ ފިލްމު ވަރަށް ކަމުގޮސްފަ އެވެ. ނަމަވެސް ފިލްމު މާ ދިގުވާތީ އަދި ވަކިން ހާއްސަކޮށް ޒުވާން ކުދިންނަށް ފިލްމު މާ ދިގު ވެދާނެ ކަމަށް ބެލެވޭތީ ފިލްމުގެ ބޮޑުބައެއް އުނިކޮށް ދިގުމިން ދެ ގަޑިއިރަށް ފެއްތީ އެވެ.

ފިލްމުގެ ބޮޑު ބައެއް އުނިކުރަން ނިންމާފައިވާއިރު، ސެންޓްރަލް ބޯޑް އޮފް ސާޓިފިކޭޝަން (ސީބީއެފްސީ) އިން ވަނީ މި ފިލްމުގެ ތިން މަންޒަރެއްގައި ބޭ އަދަބީ ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ބަސްތައް އެހެން ބަސްތަކަކަށް ބަދަލުކޮށް، ފިލްމަށް ޔޫއޭ ސެޓްފިކެޓް ދީފަ އެވެ.

މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގި ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ތިނެސްކަން ލޯބީގެ ވާހަކައެއް ފެނިގެންދާ "ރަންގޫން" ގައި ސައިފް ފިލްމު އުފައްދާ މީހެއްގެ ރޯލުން ފެނިގެންދާއިރު، ޝާހިދު ފެނިގެންދަނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ. އަދި ކަންގަނާ ފެނިގެންދަނީ އެދެމީހުންނަށް ލޯބިވެވޭ މިސް. ޖޫލިއާ ކިޔާ މީހެއްގެ ރޯލުންނެވެ.

މިދިޔަ އަހަރު ކަންގަނާ އާއި ސައިފްގެ ފިލްމެއް ރިލީޒްވެފައިނުވާއިރު، މި ފިލްމަށް މިދެތަރިން ކުރާ އުންމީދު ބޮޑެވެ. އަދި މި ފިލްމަކީ ވިޝާލްގެ ފިލްމެއްގައި ޝާހިދު ލީޑްރޯލުން ފެނިގެންދާ ތިން ވަނަ ފިލްމަށްވީއިރު، މީގެކުރިން ޝާހިދު ހިމަނައިގެން ވިޝާން އުފެއްދި "ކަމީނޭ" އާއި "ހެއިދަރް" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ. "ހެއިދަރް" އިން ވިޝާލް އަށް ގައުމީ އިނާމު ވެސް ލިބިފައިވާއިރު، މީގެކުރިން އޭނާ އުފައްދާފައިވާ ފިލްމުތައް ގޮތަށް "ރަންގޫން" ވެސް މޮޅު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.