ކުޅިވަރު

ފަހަތުން އަރައި، ސިޓީއިން މޮނާކޯ ބަލި ކޮށްފި

Feb 22, 2017
1

ފަހަތުން އަރައި، ފްރާންސްގެ އޭއެސް މޮނާކޯގެ މައްޗަށް، 5-3 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ސިޓީ އިން ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް ދިއުމުގެ ދޮރު ހުޅުވައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް، ސިޓީ އިން ނެވެ.

މެޗުގެ 26 ވަނަ މިނެޓްގައި، ސިޓީ އަށް ލީޑް ނަގައިދިނީ، ލިއޮރީ ސާނޭ ތަނަވަސް ކޮށް ދިން ފުރުސަތަކުން ރަހީމު ސްޓާލިން އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮނާކޯއިން ވަނީ ލީޑް ނަގާފަ އެވެ.

މެޗުގެ 32 ވަނަ މިނެޓްގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔަބު ކުރީ، ފަބީނިއޯ ނަގައިދިން ހުރައްހެއް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ރަޑަމެލް ފަލަކާއޯ އެވެ.

މެޗުގެ 40 ވަނަ މިނެޓްގައި، މޮނާކޯ އަށް ލީޑް ނަގައި ދިނީ ކިލިޔަން ބަޕޭ އެވެ. އަދި އޭނާ ލަނޑު ޖެހީ ފަބީނިއޯ ދިން ދިގު ޕާހަކުން ތަނަވަސް ކުރި ބޯޅަ އިން ނެވެ. ދެ ވަނަ ހާފު ފެށިގެން ފަސް މިނެޓް ތެރޭ، މޮނާކޯ އަށް ވަނީ ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. މޮނަކޯގެ ފަލަކާއޯ އަށް ލިބުނު ޕެނަލްޓީ، އޭނާ ފޮނުވަލުމުން، މެޗުގައި ސިޓީގެ ގޯލް ބެލެހެއްޓި، އާޖެންޓީނާގެ ކީޕަރު ވިލީ ކަބެއްޔެރޯ ވަނީ ދިފާއު ކޮށްފަ އެވެ.

އޭގެ އަށް މިނެޓް ފަހުން، ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ބޯޅަ ޖެހީ މޮނާކޯގެ ކީޕަރު ޑެނިއަލް ޝުބަޝިޗްއާ ދިމާލަށެވެ. އަދި އެބޯޅަ ގޯލަށް ވަނީ، ޝުބަޝިޗް ދީފާއު ކުރަން އުޅެނިކޮށް، އޭނަގެ އަތުގައި ޖެހިފައި، އޭނަގެ ދެފައި ދޭތެރެއިން ނެވެ.

އޭގެ ހަތަރު މިނެޓް ފަހުން ފަލަކޯ އޯ ވަނީ މޮނާކޯ އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް އޭގެ 10 މިނެޓް ފަހުން ޑޭވިޑް ސިލްވާ ނަގައިދިން ކޯނަރަކުން، އަގުއޭރޯ ވަނީ، ސިޓީ އަށް ލީޑް ނަގައި ދީފަ އެވެ. އޭގެ ހަ މިނެޓް ފަހުން. ސިޓީ އަށް ލީޑް ފުޅާ ކޮށްދިން ލަނޑު ޖޯން ސްޓޯންވެސް ކާމިޔާބު ކުރީ ކޯނަރަކުން ތަނަވަސްވި ބޯޅަ އަކުން ނެވެ. މެޗުގެ 82 ވަނަ މިނެޓްގައި، އަގުއޭރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ސާނޭ ވަނީ ސިޓީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، މޮނާކޯގައި ކުޅޭ މެޗުގައި، ސިޓީ އަށް ލަނޑު ނުޖެހިއްޖެނަމަ، ސިޓީ މުބަރާތުން ކަޓައިގެން ދާނެ ކަމަށެވެ.

އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗުން 2-0 ވެސް މޮޅުވިޔަސް ކްއާޓާ އަށް ދިއުމުގެ ފުރުސަތު ލިބޭނީ މޮނާކޯ އަށެވެ. އެއީ އެ ޓީމުން ސިޓީ ކޮޅަށް، ރަށުން ބޭރުގައި ތިން ލަނޑު ޖަހައިފައިވުމުން، އެވޭގޯލްގެ ފައިދާ އިން ނެވެ.