ވިޔަފާރި

ބީއެމްއެލް އިސްލާމިކުން ގެދޮރު އިމާރާތްކުރަން ފުރަތަމަ ޕްރޮޑަކްޓް ނެރެފި

Feb 22, 2017
1

ރާއްޖޭގެ އެންމެ ކުޑަ އެއް ލީސިން ރޭޓާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ހޯމް ފައިނޭންސްގެ ފުރަތަމަ ޕްރޮޑަކްޓްތައް ތައާރަފްކޮށްފި އެވެ.ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިސްލާމިކްގެ ޑައިރެކްޓަރު ޒުލްޤަރުނައިން ތަމާން ވިދާޅުވީ އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓެއް ތައާރަފު ކުރުމަކީ ބީއެމްއެލްއަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހޯމް ފައިނޭންސިންގ ޕްރޮޑަކްޓްތައް ދިވެހިންނާ ހަމަޔަށް ގެނެސްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއަދުން ފެށިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޝަރީއާ ކޮމްޕްލަޔަންޓް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ،" ޒުލްޤަރުނައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ފައިނޭންސަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް. އަދި ވަކީން ހާއްސަކޮށް ޝަރުއީ ހަމަތަކުގެ މަތިން ބޭންކިން ޚިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ކަސްޓަމަރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް އިމާރާތްކުރުމަށް ފައިނޭންސް ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް."

ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައިވަނީ އިސްލާމީކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ. ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.