ހަބަރު

ޕީޕީއެމާ އަލަށް ގުޅުނު 510 ފަރާތުގެ ފޯމް ހަވާލުކޮށްފި

ސަރުކާރު ހިންގާ ޕީޕީއެމް އާއި 510 ފަރާތަކުން އަލަށް ގުޅިއްޖެ އެވެ. އެ ފަރާތްތަކުގެ ފޯމްތައް މިއަދު ވަނީ އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ހަވާލުކޮށްފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ލ. ފޮނަދޫއިން 300 ފޯމް. އުނގުފާރު ދާއިރާއިން 140 ފޯމު އަދި އުކުޅަހުން 70 ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ހިންނަވަރު ރަށު ކައުންސިލްގެ މެމްބަރު ހާޝިމް އަލީ ވެސް ޕީޕީއެމް އާ ވަނީ ގުޅިފަ އެވެ.

ޕީޕީއެމް އިން މީގެ ދެ ހަފްތާ ކުރިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 1،100 އެއްހާ މީހުން އަލަށް ޕީޕީއެމް އަށް ގުޅިފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ އެޕާޓީން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުކުންނާނީ 150،000 މީހުންނާ އެކު ކަމަށެވެ. އަދި އެޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތައް ލަދުގަންނަވާލުމަށް ފަހުގައި ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމް އިން އުއްމީދު ކުރަނީ ކައުންސިލް އިންތިހާބުގައި 75 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އަބްދުއް ރަހީމްގެ ވާހަކައިގައި އެޕާޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެގޮތުން އެޕާޓީއަށް ގިނަ އަދަދަކަށް މެމްބަރުން އިތުރުވަމުން އަންނަ ކަމީ އެކަމުގެ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.