ހަބަރު

އެސްޓީއޯ އާއި އުރީދޫ އިން ފިޔަވަތީގެ ޓީޗަރުން ސްޕޮންސާ ކޮށްފި

އެސްޓީއޯ އަދި އުރީދޫއިން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މަސައްކަތް ކުރާ ދެ ޓީޗަރުންނާއި ދެ ކެއާ ވޯކަރުން ސްޕޮންސާ ކޮށްފި އެވެ.

ދެ ކުންފުނިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް އެ މުވައްޒަފުންގެ މުސާރަ ސްޕޮންސާކޮށްދޭން ނިންމާފަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ އަދި އެސްޓީއޯ އިން ވަނީ ޖެންޑާ މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި ޖެންޑާގެ ފަރާތުން ސޮއިކޮށްފައިވަނީ އަތާއުﷲ އަހުމަދު ރަޝީދު އެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒު އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުސްލިފް މަސީހު އެވެ.

މިކަމާއި ބެހޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ އަަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެކުދިންނަށް އެހެން ކުދިންނެކޭ ހަމަހަމަ ފުރުސަތުތަކެއް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަކީ އެކި ބާވަތުގެ އަނިޔާ އާއި އިހުމާލު ތަހައްމަލްކުރަންޖެހިފައިވާ ކުދިންކަމުގައި ވާތީ، ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ އިތުރުން ތަފާތު އެހެން ދާއިރާތަކުން އެކުދިންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން ޖެންޑާއިން ބުނީ ކުރިއަށް އޮތްތަނުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ޕާޓްނާޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީ އިން ތަފާތު ހަރަކާތްތައް ހިންގަން ގަސްތުކުރާ ކަމަށެވެ.