ހަބަރު

އެލްނިނޯގެ ސަބަބުން ރާއްޖޭގެ ފަރުތައް ވަނީ މަރުވެފައި: ދިރާސާ

Feb 22, 2017

މިދިޔަ އަހަރު އިންޑިއާ ކަނޑަށް ކުރިމަތިވި އެލްނިނޯގެ ސަބަބުން ފަރުތައް މަރުވުމުގެ ބޮޑު މައްސަލައެއް ރާއްޖެއަށް ކުރިމަތިވެފައިވާ ކަން ދިރާސާއަކުން އެނގިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެގްޒެޓާ އިން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެލްނިނޯގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ސަތަހައިގެ ފިނިހޫނުމިން މައްޗަށް ގޮސް، ފަރުތަކުގެ ގާތައް ވަނީ ވަރަށް ބޮޑަށް ހުދުވެފަ އެވެ. އަދި އޭގެ އިތުރުން ފަރުތަކުގައި މުރަކަ ހެދޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

"މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ފަރުތައް ކުރިން އޮތް ހާލަތަށް އިއާދަވާން ހޭދަވާނީ ކިހާ ދުވަހެއްކަން ނޭނގުން. ދިވެހިރާއްޖެއަށް ކުރިން ކުރިމަތިވި މިފަދަ ކަންތައްތަކުން އަރައިގަތުމަށް 10 ނުވަތަ 15 އަހަރު ހޭދަވި. އެކަމަކު ގާ ހުދުވުމުގެ ބޮޑެތި ކަންތައްތައް މިއަށް ވުރެ އަވަސް އަވަހަށް ކުރިމަތިވާނެ ކަމަށް ބެލެވެނީ،" ރާއްޖޭގެ ދެކުނު ސަރަހައްދުގައި ކުރި ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރް ކްރިސް ޕެރީ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެގޮތަށް ކަންތައް ވެއްޖެ ނަމަ ރާއްޖޭގެ ފަރުތަކުގެ ހެދިބޮޑުވުން ދިގު މުއްދަތަކަށް ހުއްޓި، ފަރުތަކުން ލިބޭ ހިމާޔަތާއި ދިރޭ ތަކެއްޗަށް އޮތް މާހައުލު ކުޑަވެގެންދާނެ ކަމަށެވެ.

ދަ ޖާނަލް އޮފް ސައިންސްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައި ވަނީ ވަކި މުއްދަތަކަށް ގާ ހުދުވުން އެކަންޏެއް ނޫނެވެ. ނަމަވެސް އިއާދަ ނުވާ މިންވަރަށް ގާތަށް މަރުވުމުގެ މައްސަލަވެސް ވަނީ ކުރިމަތިވެފައެވެ. ގާ ހުދުވުމަކީ ލޮނުގަނޑު ވަކި މިންވަރަކަށް ހޫނުވުމުން، ގާތަކުގައިވާ އަލްގޭ ތައް ގާތަކުން ފިލުމުން މެދުވެރިވާ ކަމެކެވެ. އެގޮތަށް ހުދުވާ ގާތަކުގައި ފަހުން އަލްގޭ އާލާވެ، އަލުން ދިރެއެވެ.

"މިކަމުން ކުރިމަތިވާނެ ހަމަ އެކަނި މައްސަލައަކީ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި އެއްވަރަށް ފަރުތައް ހެދި ބޮޑުވުން ހުއްޓުމެއް ނޫން. އެކަމަކު ފަރުތަކުގެ މަތީބައި މުޅިން ނެތި ދިއުމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލައެއް،" ޕްރޮފެސަރް ޕެރީ ވިދާޅުވެފައި ވެއެވެ.