ހަބަރު

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ދެފުށް ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ. ރައީސް ވިދާޅުވީ، މަޝްރޫއުތަކުގެ ދެ ފުށާއެކު ހަފުށް ވެސް ފެންނަ ކަމަށެވެ.

"މަވެސް ޕީޕީއެމް" ނަމުގައި މިއަދު ސެޓްލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށާއި އެމނިކުފާނަށް ޓީމުން ތަރައްގީއަށް ކުރާ ކަންކަން ދެފުށް ފެންނަ ގޮތަކަށް ނުކުރާ ކަމަށް ބުނެ ބަދުނާމު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި ސަރުކާރުގެ މަޝްރޫއު ކުރިއަށް ދަނީ ހާމަކަން ބޮޑު ގޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ޖަވާބު އަޅުގަނޑު ވަރަށް ސަމާސާ ގޮތަކަށް ދަންނަވާނަން، އަޅުގަނޑުމެން އަޅަމުންދާ ބްރިޖް އެހުރީ ފެންނަން، ދެފުށްތޯ ފެންނަނީ، ހަފުށް ފެންނަން އެހުރީ،" ރައީސް ވިދާޅުވި އެވެ. "އައިޖީއެމްއެޗްގައި ވެސް އަޅުގަނޑު އިމާރާތެއް ކުރަމުން މިދަނީ، ދެފުށް ނުފެނޭތޯ؟ އެހެރީ ހަފުށް ފެންނަން ނޫންތޯ؟ އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަމަ ދެފުށަށްވުރެ ގިނަ ފުށް ފެންނަ ގޮތަށް ކުރާ މަސައްކަތްތަކެއް،"

ރައީސް ވިދާޅުވީ ދެފުށް ނުފެންނަ ކަމަށް ބުނެ މިހާރު ފާޑުކިޔަމުންދާ މީހުންނަށް ގައުމު ތަރައްގީކުރަން ފުރުސަތު ލިބުނުއިރު ރައްޔިތުން އުއްމީދުކުރިވަރާ ގާތަށް ވެސް އެކަން ކޮށްދެވިފައި ނުވާ ކަމަށެވެ. މިހާރު އެ ފަރާތްތަކަށް ކުޅި ބަލަން ތިބުމަކީ އުނދަގޫ ކަމަކަށްވެގެން އެފަދަ ފާޑުކިޔަނީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، އަޅުގަނޑުގެ ސަރުކާރާއި އަޅުގަނޑުމެންގެ ވިސްނުމާ އެއް ގޮތަށް ކަންކަން ތަރައްގީކުރިޔަ ދެއްވާށޭ، އަޅުގަނޑުމެން ހަމައެކަނި އެނާޖީ ޑްރިންކުން ޓެކްސް ނަގަނީއެއް ނޫން ސިނގިރޭޓުން ޓެކްސް ނަގަނީއެއް ނޫން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއިން ހިމަ ބިހި ނައްތާލުމަށް މަޝްރޫއެއް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.

"ޓެކްސް ނެގީމަ ޝައްކެއް ވެސް ނެތް ރައްޔިތުން އަތުން އެއްޗެއް އަތުލެވޭ، ނަމަވެސް މީސަލްސް އިންޖެކްޝަން ޖެހުމުން ރައްޔިތުންނަށް އެއްޗެއް މި ދެވެނީ ނޫންތޯ؟ އެހެންވީމަ ޓެކްސް ނަގައިގެން އަޅުގަނޑުމެން ރައްޔިތުން އަތުން ފައިސާ އެކަނި ނަގަނީއެއް ނޫން، ރައްޔިތުންނަށް ފައިދާހުރި ކިތައް ކަންތައްތައްތޯ މިކުރަނީ،"

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އަޒުމެއް ކަނޑައަޅައިގެން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާ ކަމަށެވެ.