ހަބަރު

10 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު އުމަރަށް ޖަލަށް

އިންޑިއާއިން ރާއްޖެއަށް 10 ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ. އުމުރު ދުވަހުގެ ޖަލު ހުކުމްގެ އިތުރުން އެއް ލައްކަ ރުފިޔާއިން އެމީހުން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މިއަދު ކުރިމިނަލް ކޯޓުން މި ހުކުމް އިއްވީ، އިންޑިއާގެ ދެ ރައްޔިތެއް ކަމަށްވާ ސިލްވައި ޕްރިތިޕާން އާއި އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައިވާ ގޮތުން، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އައި ސިލްވާ ކްލައުޑް ނަމަކަށްކިޔާ ކަނޑު ބޯޓެއްގައި 10 ކިލޯއެއްހާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސިލްވައި ޕްރިތިޕާންގެ މައްޗަށް ކުށް ސާބިތުވީ، އެކަމަށް އޭނާ އަމިއްލަ އިއުތިރާފުވެފައިވާތީ އެވެ. އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކަނޑައެޅީ، މައްސަލާގައި ހެކިވެރިން ދިން ހެކި ބަހުން އެ މަސްތުވާތަކެތި، މާލެއަށް އެތެރެކުރަން އަމަލީ ގޮތުން އޭނާ މަސައްކަތް ކުރަން އުޅުނުކަން ސާބިތުވުމުންނެވެ.

މި މައްސަލާގައި އިންޑިއާގެ އިތުރު ދެ މީހަކަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާތީ، އެ ދެ މީހުން ކުށްވެރިނުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.