ހަބަރު

ޒައިދުލް އަމީން އަނެއްކާވެސް ފުލުހުންގެ ބަންދަށް

މާލޭ ސިޓީ ކައުންސިލް މެންބަރު ޒައިދުލް އަމީން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަނެއްކާވެސް ބަންދުކުރުމަށް މިއަދު އަމުރުކޮށްފި އެވެ. އޭނާ މީގެ ކުރިން ހުރީ ފުލުހުންގެ ބަންދުގައި ހުރި ނަމަވެސް ފަހުން ހުރީ ގޭބަންދުގަ އެވެ.

މިއަދު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ އިތުރު 13 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ. ފުލުހުންގެ ބަންދަށް އޭނާ ބަދަލުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ބުނެ އެވެ.

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ޒައިދުލް އަމީން ހައްޔަރުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދު އިތުރުކުރި މިއީ ހަތަރުވަނަ ފަހަރެވެ.

ކޯޓު އަމުރެއްގެ ދަށުން ޒައިދުލް އަމީންގެ ޕާސްޕޯޓް ވެސް ތިން މަސް ދުވަހަށް ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބޮޑެތި ބޭފުޅުންތަކެއް ބްލެކްމެއިލްކުރުމުގެ ތުހުމަތުވާ މައްސަލައެއްގަ އެވެ.

ޒައިދުލް އަމީންއަކީ ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހި ޕާޓީ ދެބައިވުމުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި ހުންނެވި ބޭފުޅެކެވެ.