ހަބަރު

ޕާކިސްތާނަށް ހަނގުރާމަޔަށް ދިޔަ މީހާގެ ވަކީލް ހާޒިރެއް ނުވި

ޕާކިސްތާނުގައި ހަނގުރާމެރި ޖަމާއަތާ ގުޅިގެން އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ކަމަށް ބުނެ ދައުލަތުން ދައުވާކޮށްފައިވާ ރ. ކަނދޮޅުދޫ، ފީރޯޒުގެ މުހައްމަދު އަބްދުލް ރަހްމާންގެ ވަކީލް ޝަރީއަތަށް ހާޒިރުނުވާތީ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު 11:00 ގައި ތާވަލުކުރި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އަރީފު ވިދާޅުވީ، މުހައްމަދު އަބްދުލް ރަހީމްގެ ވަކީލަށް ތަކުރާރުކޮށް ފޯނުން ގުޅުމުން ވެސް އޭނާގެ ފޯނު ނިއްވާލާފައިވާތީ، ގުޅޭ ގޮތްވެފައިނުވާ ކަމަށެވެ. މައްސަލައަކީ ޓެރަރިޒަމްއާ ގުޅޭ މައްސަލައަކަށްވާތީ މައްސަލަ ކުރިއަށް ގެންދާނީ ވަކީލަކާއެކު ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ޕާކިސްތާނަށް މުހައްމަދު ގޮސްފައިވަނީ ކިޔެވުމަށް ކަމަށެވެ. އެއީ 2007 ވަނަ އަހަރު އެވެ. ނަމަވެސް 2009 ވަނަ އަހަރު އޭނާ ވަނީ ޕާކިސްތާނުގެ ވާނާ ކިޔާ އަވަށަކަށް ދިރިއުޅުން ބަދަލުކޮށް، ހަނގުރާމެވެރި ގުރޫޕަކާ ގުޅިފައި ކަމަށެވެ.

ދައުވާގައި އިތުރަށް ބުނާ ގޮތުން މި އަހަރުގެ މެދާ ހަމައަށް ވެސް މުހައްމަދު ދިޔައީ އެ ހަނގުރާމަވެރި ގުރޫޕާއެކު ހަނގުރާމާގައި ބައިވެރިވަމުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި އެނބުރި ރާއްޖެ އައުމުންނެވެ.

މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގެ (ނ)އާ ހަވާލާދީ އެވެ. އެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެކެވެ.