ހަބަރު

"އުމަރު ނަސީރުގެ އޮޑީގައި ހުންގާނެއް ނެތް، އަރާނީ ފަރަށް"

ހުންގާނެއް ނެތި ސިޔާސީ މައިދާނުގައި ދުއްވާ އޮޑިތައް އަރާނީ ފަރަށް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ފަރަށް އަރާނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އޮޑި ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޭ ސަންގް ޓީވީގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، އުމަރު ނަސީރުގެ އޮޑިއަކީ ހުންގާނެއް ނެތި ދުއްވާ އޮޑިއެއް ކަމަށެވެ. އެ އޮޑި އަރާނީ ފަރަށް ކަމަށެވެ.

"މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ޕީޕީއެމް ޕްރައިމަރީގައި ވެސް ހުންގާނެއް ނެތި އުމަރު ނަސީރު ދުއްވި އޮޑި ގޮސް އެރީ ފަރަށް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސް މަގާމެއް އަދާކުރެއްވުމަށްފަހު އަމިއްލައަށް އިސްތިއުފާ ދެއްވައި، ދެން ކުރެއްވި ކަންތައްތަކާ ގުޅިގެން ވެސް އުމަރު ނަސީރުގެ އޮޑި ފަރަށް އަރާފައިވާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަން ނިކުންނަވާނެކަން އިއުލާން ކުރައްވައި، އިންތިހާބު ކާމިޔާބުކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތް އުމަރު ނަސީރު ކުރައްވަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވެ، ދެން ވެސް އުމަރު ނަސީރުގެ އޮޑި އަރާނީ ހަމަ ފަރަށް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އުމަރު ނަސީރު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަންނަވަން ނިންމާފައިވަނީ އަމިއްލަ ގޮތުންނެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ތާއީދު އޮތް ބޮޑެތި ބޭފުޅުންތަކެއް އޭނާގެ ފަހަތަށް އަރައިވަޑައިގަންނަވާނެ އެވެ. އުމަރު ނަސީރުގެ އިތުރުން ދެން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.